ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އާރުޓީއެލްގެ ލޯގޯގައި ހިމެނޭ ރީނދޫކުލަ އަޅި ކުލަޔަކަށް ބަދަލުކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓިއަރިން ކޮމިޓީން ނިންމި ނިންމުމަކާ އެއްގޮތަށްކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ބާ އަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށުމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހިނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓަކުން ފެނުނު ތަސްވީރުތަކުން އާރުޓީއެލް ލޯގޯގައި ކުރިން ހުރި ރީނދޫކުލައިގެ ބަދަލުގައި އަޅި ކުލަ ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނެވެ. މި ބަދަލާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔުން އަމާޒުކޮށްފައިވަނީ ސަރުކާރަށެވެ.
ގާނޫނީ ވަކީލު އަހްމަދު މައުރޫފް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެމްޓީސީސީއަށް ފޮނުވި ސުވާލުތަކުގެ ޖަވާބުގައި އެ ކުންފުނިން ބުނެފައިވަނީ، އާރުޓީއެލްއާ ގުޅޭ އެންމެހައި ނިންމުންތައް ނިންމަނީ ޓްރާންސްޕޯޓު މިނިސްޓްރީގައި އެކުލަވާލާފައިވާ އާރުޓީއެލް ސްޓިއަރިން ކޮމިޓީންކަމަށާއި، ލޯގޯގައި ހިމެނޭ ރީނދޫކުލަ އުނިކުރުމަށް ނިންމާފައިވަނީވެސް އެ ކޮމިޓީގެ ބައްދަލުވުމަކުންކަމަށެވެ. ނަމަވެސް މި ނިންމުން ނިންމި ސަބަބު އެމްޓީސީސީއިން ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން އަދި އެމްޓީސީސީ، މި ދެ މުއައްސަސާއިން މިކަމާ ގުޅިގެން ރަސްމީ ބަޔާނެއް މިހާތަނަށް ނެރެފައެއް ނުވެއެވެ.
އާރުޓީއެލް ލޯގޯގައި ބޭނުންކޮށްފައިވާ ރީނދޫކުލަ ދައްކަނީ އެއްގަމު ދަތުރުފަތުރުކަމަށާއި، މި ކުލަތަކަކީ ހަމައެކަނި ޒީނަތަކަށް ނޫން، ވަކި މާނައެއް ދައްކުވައިދޭ ގޮތަށް ހިމަނާފައިވާ އެއްޗެއްކަމަށް ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެއެވެ. އާރުޓީއެލް ލޯގޯ ޑިޒައިންކުރިއިރު މި ކުލަތައް ހިމެނުމުގައި ވަކި ބޭނުމެއް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ