ކިޔެވުން ފުރިހަމަ ނުކޮށް ބޮންޑް އުވާލި މުވައްޒަފަކު 700,000 ރުފިޔާ ދައްކަން ކޯޓު އަމުރެއް

ކިޔެވުން ފުރިހަމަ ނުކޮށް ބޮންޑް އުވާލި މުވައްޒަފަކު 700,000 ރުފިޔާ ދައްކަން ކޯޓު އަމުރެއް

Author
ޙަސަން މުޙައްމަދު
26 އޮގަސްޓް 2025 09:30
0

ސަރުކާރު ހިއްސާވާ ބޮޑު ކުންފުންޏަކުން ކިޔަވަން ފޮނުވި އަންހެން މުވައްޒަފަކު، އެއްބަސްވުމާ ހިލާފަށް ކިޔެވުން ދޫކޮށްލައި، ބޮންޑުގައި ބަޔާންކުރި ގޮތަށް ވަޒީފާ އަދާނުކުރުމުން، 700,000 ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މީގެ 15 އަހަރު ކުރިން ހިނގި މި ހާދިސާގައި، އެ ކުންފުނީގެ ހަރަދުގައި ބެޗިލާ އޮފް ސައިންސް (އޮނާސް) އިން ފުޑް ސައިންސް އެންޑް ނިއުޓްރިޝަން ކިޔަވަން ރާއްޖޭން ބޭރަށް ފޮނުވުނު އެ މުވައްޒަފު، ކޯސް ފުރިހަމަ ނުކޮށް މާލެއަށް އެނބުރި އައިސްފައިވެއެވެ.

ސިވިލް ކޯޓުން މި މައްސަލަ ބެލިއިރު، އެ މުވައްޒަފު ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކޯސް ފުރިހަމަ ނުކުރި ކަމާއި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާ އަދާނުކުރިކަން ސާބިތުވެފައިވާ ކަމަށް ފާހަގަކުރެއެވެ. އެހެންކަމުން، ކިޔެވުމަށް ހޭދަކުރި 700,000 ރުފިޔާ ދެ ހަފްތާގެ މުއްދަތެއްގެ ތެރޭގައި ކުންފުންޏަށް އަނބުރާ ދައްކަން ކޯޓުން އަމުރުކޮށްފައިވެއެވެ.

އެ މުވައްޒަފު ކޯޓަށް ހާޒިރުނުވުމުން، މި މައްސަލަ ނިންމާފައިވަނީ ގައިރު ހާޒިރުގައި ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ. މިފަދަ ބޮންޑް އެއްބަސްވުންތަކަކީ ޤާނޫނީ ގޮތުން ބާރު ލިބިގެންވާ އެއްބަސްވުންތަކެއް ކަމަށާއި، އެއްބަސްވުމާ ހިލާފުވާ ފަރާތްތަކުން ޒިންމާ އުފުލަންޖެހޭނެ ކަމަށް މި ހުކުމުން ސާފުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.