މީޑިއާގެ ބިލު އަނބުރާ ގެންދިޔުމަށް ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލާއިފި

މީޑިއާގެ ބިލު އަނބުރާ ގެންދިޔުމަށް ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލާއިފި

Author
ހުސައިން
20 އޮގަސްޓް 2025 08:58
0

ރާއްޖޭގެ މިނިވަން މީޑިއާތަކަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ބިލު އަނބުރާ ގެންދިޔުމަށް ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން މިއަދު ގޮވާލައިފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލަކީ ސަރުކާރުގެ ފުރިހަމަ ބާރުލުން ލިބިގެން ތައްޔާރުކުރެވުނު ބިލެއް ކަމަށް ފެންނާތީ ކަންބޮޑުވާ ކަމަށް އައިއެފްޖޭއިން ވަނީ ބުނެފަ އެވެ. ނޫސްވެރިންނާއި މީޑިއާތަކާ އެއްވެސް މަޝްވަރާއެއް ނުކޮށް މި ބިލު ތައްޔާރުކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.

އައިއެފްޖޭގެ ވެބްސައިޓުގައި ޝާއިޢުކުރި ބަޔާނުގައި ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރާ އެއްވެސް ގާނޫނެއް އެކުލަވާލާއިރު މީޑިއާތަކާއި ނޫސްވެރިންގެ ފުރިހަމަ ބައިވެރިވުން ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. މިކަން ނުކޮށް ބިލެއް ތައްޔާރުކުރުމުން ރެގިއުލޭޓަރީ ބޮޑީއެއްގެ އަސްލު މަގްސަދު ފުރިހަމައަށް ހާސިލެއް ނުވާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ އިންޒާރުދީފަ އެވެ.

ހުށަހެޅިފައިވާ ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި އާ ކޮމިޝަނެއް އުފެދޭނެ އެވެ. މި ކޮމިޝަން އުފެދުމާއެކު މިހާރު ހުރި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލެވޭނެ އެވެ.

އާ ކޮމިޝަނުގައި ހިމެނޭނީ ހަތް މެންބަރުން ކަމަށާއި، އޭގެ ތެރެއިން ތިން މެންބަރުން ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ބާކީ ހަތަރު މެންބަރުން އިންތިހާބުކުރާނީ މީޑިއާތަކުން ކަމަށް ވީނަމަވެސް، މި އިންތިހާބުގައި ބައިވެރިވެވޭނީ ހަމައެކަނި ވުޖޫދުވިތާ ފަސް އަހަރު ފުރިފައިވާ މީޑިއާތަކަށް ކަމަށް ބިލުގައި ޝަރުތުކޮށްފައިވެ އެވެ. ކޮމިޝަނުގެ ރައީސް ވެސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާކުރުމުގެ އިހްތިޔާރު ހިމެނެ އެވެ. ހަމައެއާއެކު މައްސަލައެއް ބެލުމުގެ ތެރޭގައި ވަގުތީ ގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ލިބޭނެ އެވެ. ނޫސް ވެބްސައިޓްތައް ބްލޮކްކުރުމާއި ޓީވީ ޗެނަލްތަކުގެ ބްރޯޑްކާސްޓް ހުއްޓުވުމުގެ އިހްތިޔާރު ވެސް ކޮމިޝަނަށް ލިބިދޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކޯޓު މެދުވެރިކޮށް ދާއިމީ ގޮތެއްގައި މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

މިފަދަ ބާރުތައް ސަރުކާރުގެ ނުފޫޒު އޮންނަ ކޮމިޝަނަކަށް ދިނުމުން މިނިވަން މީޑިއާތަކަށް ބިރުވެރި މާހައުލެއް އުފެދި، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށް އައިއެފްޖޭއިން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.