މެލޭޝިއާގައިވެސް ވޭޕް މަނާކުރަނީ

މެލޭޝިއާގައިވެސް ވޭޕް މަނާކުރަނީ

Author
އައިޝަތު އަޙްމަދު
16 އޮގަސްޓް 2025 01:48
0

މެލޭޝިއާ ސަރުކާރުން އެ ޤައުމުގައި އީ-ސިގަރެޓް ނުވަތަ ވޭޕް ބޭނުންކުރުން މުޅިން މަނާކުރުމުގެ މަސައްކަތް ފަށާއފިއެވެ. މި ކަމުގައި ގޮތެއް ނިންމުމަށް ސަރުކާރުގެ ހަތަރު މިނިސްޓްރީއަކާ މަޝްވަރާ ކުރަމުންދާ ކަމަށް އެ ޤައުމުގެ ސިއްޙަތު ވަޒީރު ޑރ. ޒިލްކިފްލީ އަޙްމަދު ޖުލައި 28 ގައި ވަނީ ހާމަކޮށްފައެވެ.

ވޭޕް މަނާކުރުމުގެ މައްސަލައިގައި މަޝްވަރާ ކުރާނީ މާލިއްޔަތު ވުޒާރާ، ޑޮމެސްޓިކް ޓްރޭޑް އެންޑް ކޯސްޓް އޮފް ލިވިންގ ވުޒާރާ، އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ވުޒާރާއާއި އެޓާރނީ ޖެނެރަލްގެ އޮފީހާއެވެ. ނަމަވެސް މި ފިޔަވަޅު އަޅާނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.

މެލޭޝިއާގެ ބައެއް ސްޓޭޓްތަކުގައި މިހާރުވެސް ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވެއެވެ. މިގޮތުން މި އަހަރުގެ އޮގަސްޓް 1 ން ފެށިގެން ޓެރެންގަނޫ އާއި ޕާލިސްގައި ވޭޕް މުޅިން މަނާކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޕަހަންގް ސްޓޭޓްގައި ވެސް ޑިސެންބަރު 31 ން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާވާނެ ކަމަށާއި، ފިހާރަތަކުން މި ތާރީޚުގެ ކުރިން މިހާރު ސްޓޮކްކޮށްފައިވާ ވޭޕް ޕްރޮޑަކްޓްތައް ނައްތާލުމަށް އަންގާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ފާހަގަކުރެއެވެ.

2016 ވަނަ އަހަރުން ފެށިގެން މެލޭޝިއާގައި ދުންފަތުގެ ބޭނުން ކޮންޓްރޯލް ކުރުމަށް އެކި ފިޔަވަޅުތައް އަޅަމުން އަންނައިރު، މިހާރު ވެސް 18 އަހަރުން ދަށުގެ ކުދިންނަށް ވޭޕް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މުޅި ޤައުމުގައި މަނާކޮށްފައިވެއެވެ. އަދި ބައެއް ސްޓޭޓްތަކުގައި ވޭޕް އިޝްތިހާރު ކުރުން ވެސް ހުއްޓުވާފައިވެއެވެ.

މެލޭޝިއާގައި ދުންފަތާއި ވޭޕް ކޮންޓްރޯލް ކުރުމަށް ގިނަ ގަވާއިދުތައް ހަދާފައި އޮތް ނަމަވެސް، މުޅި ޤައުމުގައި ވޭޕް މުޅިން މަނާކުރުމަކީ މިހާރު ސަރުކާރުން ވިސްނަމުންދާ އިތުރު ހަރުދަނާ ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.