ރާއްޖޭގައި އިސްލާމީ ފައިނޭންސިންގެ ދާއިރާ ކުރިއަރުވައި، މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖުގެ ނަމުގައި ޚާއްޞަ މުބާރާތެއް އިޢުލާނުކޮށްފިއެވެ.
މި މުބާރާތަކީ ދުޅަހެޔޮ މާލީ ނިޒާމަކާއި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގެ ޒަރީޢާއިން މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް އެމްއެމްއޭއިން ފަށާފައިވާ ތަމްވީލް ފިންލިޓް ފެސްޓިވަލުގެ މުހިންމު ބައެކެވެ. މިހާރުގެ މާލީ ގޮންޖެހުންތަކަށް އިލްމީ އަދި ދިރާސީ ނަޒަރަކުން އެދެވޭ ހައްލުތައް ހުށަހެޅުމުގެ ފުރުޞަތު ލިބިދޭ މި މުބާރާތުގައި ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.
ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ބަހާލާފައިވަނީ ދެ މައިގަނޑު ގިންތިއަކަށެވެ. ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިންއަށް އާ ހައްލުތައް ގެނައުމަށް ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށެވެ. ޝަރީޢާއާ އެއްގޮތްވާ ހައްލުތަކުގެ ޒަރީޢާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ހިޔާލުތަކާއި ނަމޫނާތައް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވާ މި ގިންތީގައި 18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި 3 މެންބަރުންގެ ޓީމްތަކަށް ބައިވެރިވެވޭނެއެވެ. މި ގިންތީން ކާމިޔާބުކުރާ ފަރާތްތަކަށް 30,000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެއެވެ. މީގެ އިތުރުން ފަންޑިންގާއި މެންޓާޝިޕްގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.
ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާ އާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މައުޟޫޢަށެވެ. ދިރާސާކުރާ ފަރާތްތަކާއި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށް އަމާޒުކޮށްގެން ތައްޔާރުކުރެވިފައިވާ މި ބައިގައި، އިސްލާމިކް ފައިނޭންސްގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާޢީ އަސަރު އިތުރުކުރުމަށް ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތަކަށް ފުރުޞަތު ދެވޭނެއެވެ. މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ޤާބިލިއްޔަތު އިތުރުކުރުމާއި އަދި ސިޔާސަތު އެކުލަވާލުން ފަދަ ދާއިރާތަކަށް އަލިއަޅުވާލެވޭ މި ގިންތީގައި ބައިވެރިވާ ފަރާތްތައް ވާދަކުރާނީ ޖުމްލަ 100,000 ރުފިޔާގެ ފަންޑަކަށެވެ.
އެމްއެމްއޭއިން ފާހަގަކުރައްވައިފައިވާ ގޮތުގައި މުބާރާތުގެ ދެ ގިންތީގައި ވެސް ދިވެހިންނާއި ބޭރުމީހުންނަށް ބައިވެރިވެވޭނެއެވެ. އެހެންނަމަވެސް ބައިވެރިންގެ ހުށަހެޅުންތައް ރާއްޖޭގެ ހާލަތާ ގުޅޭ އަދި މުބާރާތުގެ މައުޟޫޢުތަކާ އެއްގޮތަށް ހުންނަންވާނެއެވެ.
ތަމްވީލް ފިންލިޓް ފެސްޓިވަލުގައި އިމްޕެކްޓް ޕިޗް ޗެލެންޖުގެ އިތުރުން އިތުރު 5 ހަރަކާތް ހިމެނެއެވެ. އެއީ ފިންލިޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، ފިއުޗާ ފައިނޭންސްގެ ނަމުގައި ބާއްވާ މަޟްމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް އަދި ކުރު ވީޑިއޯ ހެދުމުގެ މުބާރާތެވެ. މި ފެސްޓިވަލަކީ ރާއްޖޭގައި އިސްލާމީ ފައިނޭންސިންގެ ދާއިރާ ފުޅާކޮށް، މާލީ ޚިދުމަތްތަކުގެ ދާއިރާ ތަރައްޤީކުރުމަށް އެމްއެމްއޭއިން ކުރައްވާ މަސައްކަތުގެ މުހިންމު ބައެކެވެ.
ކޮމެންޓު ފޮނުވާ