ސަރުކާރުގެ ތަރައްގީ މަޝްރޫއުތަކަށް ކުރާ ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 43 ޕަސެންޓް ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މި އަހަރުގެ ނޮވެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވާ 6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ޖުމްލަ 12.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް ހޭދަކޮށްފައިވަނީ އޭގެ ކުޑަ ބައެއް ކަން ފާހަގަކުރެވެ އެވެ.
މި އަހަރު ތަރައްގީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ހޭދަކޮށްފައިވަނީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ކަމަށްވާއިރު، އެ މަޝްރޫއުތަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. ބްރިޖު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް 379.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތްތަކަށް 303.2 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.
މަގުހެދުމުގެ މަޝްރޫއުތަކަށް 104.1 މިލިއަން ރުފިޔާ އާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 77.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާ ގުޅޭ އެކި މަޝްރޫއުތަކަށް 300.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ތަރައްގީ މަޝްރޫއުތަކަށް ކުރާ ހޭދަ މިހާ ބޮޑުތަނުން ދަށްވުމަކީ ދައުލަތުގެ މާލީ ހާލަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ފާހަގަކުރަމުންދާއިރު، މި އަހަރު ނިމުމުގެ ކުރިން ބާކީ ބަޖެޓް ހޭދަކުރެވޭނެ ކަމާ މެދު ސުވާލު އުފެދެ އެވެ.
ކޮމެންޓު ފޮނުވާ