މުލިއާގޭގައި ހުރި ބާވެފައިވާ ތަކެތި ނީލަމުގައި ވިއްކާލަނީ

މުލިއާގޭގައި ހުރި ބާވެފައިވާ ތަކެތި ނީލަމުގައި ވިއްކާލަނީ

Author
ހުސައިން
14 އޮގަސްޓް 2025 11:40
0

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގައި ބޭނުންކޮށްފައިވާ، ދުވަސްވެ ބާވެފައިވާ ތަކެތީގެ ނީލަމެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނީލަން ބޭއްވޭނީ މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 11 ގައެވެ.

މުލިއާގެއިން ނެރެފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވަނީ އެ ގޭގައި ހުރި ދުވަސްވެފައިވާ ސައިކަލުތަކާއި، އެއާކޮންޑިޝަނަރުތަކާއި، ޕިކަޕް ވެހިކަލްތަކާއި، އައިސް އަލަމާރިތައް ފަދަ ތަކެތީގެ ތެރެއިން ބާވެފައިވާ ތަކެއްޗެވެ.

ނީލަން ކާމިޔާބުކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަމުގައި ގަތް ތަކެތީގެ އަގު، ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދައްކަންޖެހޭނެއެވެ. ފައިސާ ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުގެންދާ ތަކެތި އަލުން ނީލަމަށް ލުމުގެ ފުރުޞަތު ސަރުކާރަށް ލިބިގެންވާ ކަމަށް ވެސް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މުލިއާގެ އަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުންކުރެވެމުން އަންނަ ތަންތަނުގެ ތެރެއިން އެއް ތަން ކަމަށްވާ އިރު، މި ފަހަރު ނީލަމަށް ލެވޭ ތަކެތި އަކީ އެ ތަނުގައި ބޭނުން ނުކުރެވޭ، ބާވެފައިވާ ތަކެތި ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.