ދައުލަތުގެ ހަރަދުތައް ބޮޑު ނިސްބަތަކުން ކުޑަކުރުމުގެ ސަބަބުން، މި އަހަރުގެ ފުރަތަމަ ހަތް މަހުގެ ބަޖެޓް ބެލެންސް 1.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ އަލަށް ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ނޮވެމްބަރު 7 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ޖުމްލަ ހަރަދު 22.3 ބިލިއަން ރުފިޔާ ކަމަށްވާ އިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.4 ޕަސަންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓް ބެލެންސް އޮތީ 4.8 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދު 1.1 ޕަސަންޓުން ކުޑަވެފައިވާ އިރު، ކެޕިޓަލް ހަރަދު 60.4 ޕަސަންޓުން ކުޑަވެފައިވާ ކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދުތައް 5.4 ޕަސަންޓުން ކުޑަވެފައިވާ އިރު، އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ގަތުމުގެ ހަރަދު 17.8 ޕަސަންޓުން އަދި މަރާމާތު މަސައްކަތްތަކުގެ ހަރަދު 19.9 ޕަސަންޓުން ކުޑަވެފައިވެއެވެ.
ދަތުރުފަތުރުގެ ހަރަދު 5.3 ޕަސަންޓުން ކުޑަވެފައިވާ އިރު، ސަރުކާރުން ދޭ އެހީތަކާއި ސަބްސިޑީތަކަށް ކުރާ ހަރަދު ވެސް 9.1 ޕަސަންޓުން ކުޑަވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި މިހާތަނަށް 2.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މަގު، ބްރިޖް، އެއާޕޯޓް ފަދަ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށެވެ. މިއީ މިކަންކަމަށް މި އަހަރަށް ފާސްކުރި ބަޖެޓުގެ 21.2 ޕަސަންޓެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، މިހާތަނަށް ހަރަދުކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ. މި ހަރަދުގެ ބޮޑު ބައެއް، 2.2 ބިލިއަން ރުފިޔާ، ހޭދަކޮށްފައިވަނީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށެވެ. މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ނިންމުމުގެ މަސައްކަތްތަކަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 123.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ޕީއެސްއައިޕީ ސިޔާސަތުތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، މި ޕްރޮގްރާމްތަކަށް ކުރާ ޖުމްލަ ހަރަދު ކުޑަކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ