ލ. ގަމުގައި ހިނގި ސައިކަލު އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

ލ. ގަމުގައި ހިނގި ސައިކަލު އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

Author
ހުސައިން
14 އޮގަސްޓް 2025 02:15
0

ލ. ގަމުގައި މިދިޔަ މަހުގެ 6 ވަނަ ދުވަހު ހިނގި ސައިކަލު އެކްސިޑެންޓެއްގައި ބޮޑަށް އަނިޔާވެފައިވާ އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 9 ގަޑިއިރު، ލ. ފޮނަދޫން ގަމަށް ދަތުރުކުރަމުން ދިޔަ ސައިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހުމުންނެވެ. މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާތަކެއް ލިބިފައިވެއެވެ.

އަނިޔާވި ދެ މީހުންގެ ތެރެއިން ހާލު ނުރައްކާވި އަންހެނަކު ފަރުވާއަށް މާލެ ގެނެސް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އިންޓެންސިވް ފަރުވާ ދެމުން ގެންދިޔައިރު، އޭނާ މިއަދު ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވިއެވެ.

ލިބިފައިވާ މަޢުލޫމާތު އަށް ބަލާއިރު، ނިޔާވި އަންހެންމީހާއަކީ ކ. ގުރައިދޫއަށް ނިސްބަތްވާ މީހެކެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ތަޙުޤީޤު ކުރަމުން ގެންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.