އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އެ އިދާރާގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާއިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ފާހަގަކުރެއްވީ، ސަރުކާރުގެ ތިމާވެށީގެ ސިޔާސަތަށް އިތުބާރު ދެމެހެއްޓުމަށްޓަކައި އީޕީއޭ މިނިވަން އިދާރާއެއްގެ ގޮތުގައި ބަހައްޓަންޖެހޭ ކަމަށެވެ. އަދި މި އިދާރާ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނައުމަކީ ގޯސް ނިންމުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ބަދަލާ ގުޅިގެން ރައީސް އޮފީހުން ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އީޕީއޭއަށް މި ބަދަލު ގެނެސްފައިވަނީ އެ އިދާރާއިން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާ ބެހޭ ކަންކަން ރެގިއުލޭޓް ކުރުން ކަމަށްވާތީ، އެ މަސައްކަތްތަކާ އެކަށޭނަ ނަމެއް ދިނުމުގެ ގޮތުންނާއި، އިދާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ހަލުވިކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ އަކީ 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެދިފައިވާ އިދާރާއެކެވެ. މިހާތަނަށް މި އިދާރާ ހިންގަމުން އައީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ