ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ މާހިރު ކުރިމަތިލައްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ މާހިރު ކުރިމަތިލައްވައިފި

Author
ހުސައިން
10 އޮގަސްޓް 2025 09:37
0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ފަނޑިޔާރެއް ހޯދުމަށް ޖޭއެސްސީން މިފަހަރު އިއުލާން ކުރީ، ކުރިން އެ މަގާމަށް އައްޔަންކުރަން ނިންމި މުހައްމަދު ޝަހީދު ހުވައި ކުރެއްވުމަށް ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ. ޝަހީދު ހުވައި ކުރައްވަން ހަމަޖެހިފައި އޮތް ދުވަހު، އޭނާގެ ނަން އަނބުރާ ނަންގަވައި، ހުވައި ނުކުރައްވާ ވަކިވެވަޑައިގަތުމުން، ޖުޑިޝަރީގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ އެތައް ފަރާތަކުން ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ޝަހީދު، އެ މަގާމުން ވަކިވީ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށްޓަކައި ކަމަށްވާތީ، ސިޔާސީ މަގާމެއްގައި ހުރި މީހަކު ސީދާ ފަނޑިޔާރުކަމަށް އައްޔަންކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ހާދިސާއާ ގުޅިގެން ޖޭއެސްސީން އަލުން ކުރި އިއުލާނުގެ މުއްދަތު ހަމަވާނީ މި އަންގާރަ ދުވަހުގެ މެންދުރަށެވެ. ޖޭއެސްސީން ރަސްމީކޮށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައި ނުވި ނަމަވެސް، ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ފެމިލީ ކޯޓުގެ އިސްގާޒީ މާހިރުގެ އިތުރުން، ދަށު ކޯޓުތަކުގެ އެހެން ސީނިއާ ގާޒީން ވެސް މި މަގާމަށް ކުރިމަތިލައްވާފައިވެއެވެ.

އިބްރާހިމް މާހިރަކީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ފަނޑިޔާރުކަން ފައްޓަވައި، 2010 ވަނަ އަހަރުގެ މެއި މަހު ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެން، މިހާރު 15 އަހަރު ވަންދެން އެ ކޯޓުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކުރިން ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓަށް ޕްރޮމޯޓް ކުރެއްވުމުން، މާހިރު ވަނީ ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް އައްޔަންކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.