މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް އަވަސް ފަރުވާދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އިނގިރޭސިވިލާތުން ތަމްރީން ސާމާނު ހަދިޔާކޮށްފިއެވެ.
އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގް ވައްހާބް، މި އެހީ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝަރީފު މުޙައްމަދާ ހަވާލުކުރެއްވިއެވެ.
އެކްޓިން ހައިކޮމިޝަނަރު ވައްހާބް ވިދާޅުވީ، މި ތަކެތީގެ ސަބަބުން ކޮންމެ އަހަރަކު ރާއްޖެ ޒިޔާރަތްކުރާ އެތައް ސަތޭކަ އިނގިރޭސި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި އެމްއޭސީއެލްގެ ފްރަންޓްލައިން މުވައްޒަފުން ކުއްލި ހާލަތްތަކުގައި އެހީތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރަށް ތިބޭނެކަން ކަށަވަރުވާނެ ކަމަށް ވިދާޅުވިއެވެ.
ސީއީއޯ ޝަރީފު ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާއިރު، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތައް ކުންފުނީގައި ތަންފީޒުކުރަމުން އަންނަ ކަމަށެވެ. މުވައްޒަފުން ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ ކުންފުނިން އިސްކަންދޭ ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ތަކެތި ހަދިޔާކުރީ އިނގިރޭސިވިލާތުގެ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރުޕީ) ގެ ދަށުންނެވެ. މިއީ މިއަހަރުގެ މެއި މަހު އިނގިރޭސި ހައިކޮމިޝަނާއެކު ބޭއްވުނު ބައްދަލުވުމުން، ސަރަހައްދީ ސެކިއުރިޓީ ހަރުދަނާކުރުމަށް ނިންމި ކަންކަމުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ކޮމެންޓު ފޮނުވާ