ޕީއެންސީން 13 މެންބަރުން ވަރަށް އަވަހަށް އެޕާޓީން ވަކިވާނެ: އައްބާސް

ޕީއެންސީން 13 މެންބަރުން ވަރަށް އަވަހަށް އެޕާޓީން ވަކިވާނެ: އައްބާސް

Author
ހުސައިން
08 އޮގަސްޓް 2025 08:46
0

ވެރިކަމުގައި ތިބި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ވަރަށް އަވަހަށް އެ ޕާޓީން ވަކިވެ، ރައްޔިތުންގެ ފަރާތުގައި ޙަރަކާތްތެރިވާނެކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާމެދު ޕާޓީގެ މެންބަރުންގެ ތެރޭގައި އުފެދިފައިވާ ބޮޑު ހިތްހަމަނުޖެހުމެއްގެ ނަތީޖާކަމަށް އޭނާ ވިދާޅުވެއެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބުދަ ދުވަހު ބޭއްވުނު ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި މެންބަރުން ސަރުކާރުގެ ސިޔާސަތުތަކާމެދު ކަންބޮޑުވުން ފާޅުކުރިކަމަށެވެ. ޚާއްޞަކޮށް ދާއިރާތަކުގެ ތަރައްޤީ ނުހިނގާކަމާއި، ވަޢުދުތައް ފުއްދަން ފަސްޖެހެމުންދާކަމުގެ ޝަކުވާ އެ ބައްދަލުވުމުގައި ގިނަ މެންބަރުން ކުރިކަމަށް އޭނާ ހާމަކުރެއްވިއެވެ.

"ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން، ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވައި، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަރާތަށް އަރާނެކަމީ ޔަޤީންކަމެއް،" އައްބާސް ވިދާޅުވިއެވެ.

ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި މެންބަރުން އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ، މަޝްވަރާނުކޮށް ކުއްލިކުއްލިއަށް މަޖިލީހަށް ބިލްތައް ފޮނުވާކަމަށާއި، މިފަދަ ބިލްތަކަށް ވޯޓުނުދޭނެކަމަށް ބައެއް މެންބަރުން ވިދާޅުވިކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާމެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ކަމަށް އައްބާސް ވިދާޅުވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި އިޞްލާޙަކީ، މެންބަރުންގެ ބާރު ކަނޑުވާލުމުގެ ނިޔަތުގައި ރައީސް މުއިއްޒު ގެންނެވި ބަދަލެއްކަމަށް ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވިކަމަށް އޭނާ ހާމަކުރެއްވިއެވެ.

އައްބާސްގެ ވާހަކަތަކުގައި ވިދާޅުވީ، ސަރުކާރުން ޕްރޮޖެކްޓްތައް އިޢުލާންކުރުމާއި ބިންގާ އެޅުން ފިޔަވައި، ޙަޤީޤީ ތަރައްޤީގެ މަސައްކަތެއް ނުކުރާކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން މާޔޫސްވެ ރުޅިގަދަވެފައި ތިބިކަމަށް މެންބަރުން ފާހަގަކުރިކަމަށެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ މެންބަރެއްގެ ހައިސިއްޔަތުން އައްބާސް ފަހަކަށްއައިސް ސަރުކާރަށް ހަރުކަށި ފާޑުކިޔުންތައް ކުރަމުން ގެންދަވައެވެ. ދާދިފަހުން ރައީސް މުއިއްޒު ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވިދާޅުވެފައިވަނީ، އެ ދާއިރާގެ ތަރައްޤީގެ މަސައްކަތްތަކަށް ދާއިރާގެ މެންބަރުގެ އެއްބާރުލުން ނުލިބޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.