އައްޑޫ އަތޮޅުގެ ފަރަކަށް އަރައިގެން ބޮޑެތި ގެއްލުންތަކެއް ދިން ލަގްޒަރީ ޔޮޓެއް 4.8 މިލިއަން ރުފިޔާއިން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފިއެވެ.
ޖޫރިމަނާ ކުރެވުނީ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް ލޯކަލް އޭޖެންޓުގެ ގޮތުގައި ރާއްޖެ އައި، ޓެމްޕަލް މެރިން އެލްޓީޑީގެ "އެމް.ވައި ބިގް ފިޝް" ޔޮޓެވެ. މި ޔޮޓް އައްޑޫ އަތޮޅުގެ RF1329 ފަރަށް އަރައިފައިވަނީ މިއަހަރުގެ އޭޕްރީލް 28 ވަނަ ދުވަހުއެވެ.
ޔޮޓް ފަރުމަތިން ނެގުމަށްފަހު، އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު ފަރަށް ލިބުނު ގެއްލުން ބަލައި ޖޮއިންޓް ސާވޭއެއް ކުރިއަށް ގެންދެވުނީ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. މި ސާވޭގައި ފާހަގަކުރެވުނު ގޮތުގައި ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވެފައިވާކަން އީޕީއޭ އިން ހާމަކުރެއެވެ.
މި ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ޔޮޓުގެ ވެރިފަރާތް 4.8 މިލިއަން ރުފިޔާއިން މިދިޔަ ހޯމަ ދުވަހު ޖޫރިމަނާކުރުމާއެކު، މި ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އަންގާފައިވެއެވެ.
ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަކީ އީޕީއޭއިން ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ހުޅުމާލޭގެ ފަރަށް އެރުނު ދެ އުޅަނދަކުން 29 މިލިޔަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ހޯދާފައިވެއެވެ. އެ އުޅަނދުތައް ހުޅުމާލޭގެ އުތުރު ފަރާތުން ފަރަށް އަރާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ.
އެ ހާދިސާގައި ކުރެވުނު ސާވޭގައި ފަރުގެ 1159 އަކަ މީޓަރުގެ ސަރަހައްދަށް ލިބުނު ބޮޑެތި ގެއްލުންތަކަށް ބަލައި، އުޅަނދުތަކުގެ އޮޕަރޭޓަރު ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ އިން 29,201,946 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާފައިވެއެވެ.
ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކާ ގުޅިގެން ޖޫރިމަނާ ކުރަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުންނެވެ. ނަމަވެސް މިފަދަ ޖޫރިމަނާތަކުގެ ތެރެއިން ދައުލަތަށް އަސްލުގައި ލިބެމުން ދަނީ ވަރަށް މަދު މިންވަރެއް ކަމަށް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ