ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް ސަރުކާރުން ފެށި ބަންކަރިންގ ޚިދުމަތުން މިހާތަނަށް 157 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިދިޔަ އަހަރު ސެޕްޓެންބަރު 19 ގައި އިހަވަންދިއްޕޮޅުގައި ފެށި މި ޚިދުމަތުން، ޑިސެންބަރު ނިޔަލަށް 44.9 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިތުރު 112.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެންމެ ގިނަ އާމްދަނީ ލިބުނީ ފެބްރުއަރީ، މާރިޗް އަދި އޭޕްރީލް މަހުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
ސަރަހައްދުތަކަށް ބަލާއިރު، ކ. އަތޮޅުން 128.7 މިލިއަން ރުފިޔާ، ނ. އަތޮޅާއި ވ. އަތޮޅުން 24.6 މިލިއަން ރުފިޔާ އަދި އިހަވަންދިއްޕޮޅުން 3.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެސްޓީއޯއާއި އެމްޕީއެލް މެދުވެރިކޮށް، ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން ދޭ މި ޚިދުމަތުގައި، އެމްޓީ މެރިން އޭންޖަލް އާއި އެމްޓީ މެރިން ބެލާ ނަމުގައި ދެ ބޯޓު ބޭނުންކުރެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، އަހަރަކު 400 މިލިއަން ރުފިޔާގެ ފައިދާ ހޯދުމަކީ މި ޚިދުމަތުގެ އަމާޒެވެ. އިހަވަންދިއްޕޮޅުގައި ތެޔޮ ރައްކާކުރުމުގެ ނިޒާމާއެކު ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް މިނިސްޓަރު ބުންޏެވެ.
ލ. ފޮނަދޫގައި ބަންކަރިންގ ޚިދުމަތް ފުޅާކުރުމަށް މިދިޔަ މަހު އިއުލާނުކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަނީ މިހާރު ދޭ ޚިދުމަތަކީ ބައިނަލްއަގުވާމީ ފެންވަރުގެ ބަންކަރިންގ ޚިދުމަތެއް ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ