ރައްޔިތުންގެ ދަތިކަން ހައްލުވެ، ރާއްޖޭގެ އިގްތިސޯދު ދުވަހެއް ދުވަހަކަށް ދަނީ ކުރިއަރަމުން: ސައީދު

ރައްޔިތުންގެ ދަތިކަން ހައްލުވެ، ރާއްޖޭގެ އިގްތިސޯދު ދުވަހެއް ދުވަހަކަށް ދަނީ ކުރިއަރަމުން: ސައީދު

Author
ހުސައިން
05 އޮގަސްޓް 2025 10:53
0

ރާއްޖޭގެ އިގްތިސޯދު ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާ ކަމަށާއި، ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ސަރުކާރުން އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ރަނގަޅަށް ވިސްނާލައިފިނަމަ، ރައްޔިތުންގެ ދަތިކަން ހައްލުވެ، ގައުމުގެ އިގްތިސޯދު ކުރިއަރަމުންދާކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އިކޮނޮމީ މިއަދު މިދަނީ ކުރިއަށް. ގްރޯވަމުން މިދަނީ. އާމްދަނީ ވެސް އިތުރުވަމުން މިދަނީ. ވިސްނާވަޑައިގެންފިއްޔާ އެނގޭނެ މިހާރު ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހައްލުކުރެވި، ގައުމު އެބަ ކުރިއަށްދޭ. އިގްތިސޯދު އެބަ ކުރިއަށްދޭ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އިގްތިސޯދު ބަލާއިރު ހަމައެކަނި އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ބަލައިގެން ނުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ޕްރައިވެޓް ސެކްޓާގައި ވެސް ގިނަ މަސައްކަތްތައް ހިނގަމުންދާ ކަމަށާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓުތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްރޫއުތައް ނުހިނގާ ކަމަށް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް މިނިސްޓަރު ބުންޏެވެ. "އެންމެ ގިނައިން އަޅުގަނޑުމެންނަށް ފާޑު ވިދާޅުވާ ބޭފުޅުން ދައްކާ އެއް ހުއްޖަތަކީ ރަށް ރަށުގެ ޕްރޮޖެކްޓުތައް ނުހިނގައޭ. ކުރިއަކަށް ނުދެއޭ. މިއީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން. ޕްރޮޖެކްޓުތައް ވެސް އެބަ ހިނގާ ވަރަށް ގިނަ ރަށްރަށުގައި،" އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދުމަށް ކުންފުނިތަކާއި ސަރުކާރުގެ ވުޒާރާތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މަޝްރޫއުތައް އިތުރަށް ހިނގަމުންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި 'ޖެއްސުން' ކޮށްފައިވާތީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެ ބަޖެޓުގައި މަޝްރޫއުތަކަށް އެކަށީގެންވާ ފައިސާ ނެތުމާއި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފައިސާ ޖަހާފައި ހުރުމުން ދަތިވީ ކަމަށް ސަރުކާރުން ބުންޏެވެ.

އެހެންނަމަވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ފާސްކުރި ބަޖެޓާއެކު ވެސް މަޝްރޫއުތައް ރަނގަޅަށް ނުހިނގާ ކަމަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔަމުން ދެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރާ ޚަރަދު މިވަނީ ދަށްވެފައެވެ. މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކުރިނަމަވެސް، މިދިޔަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހޭދަކޮށްފައިވަނީ އެންމެ 1.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 4.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި އަހަރު ދެބައިވިއިރު މަޝްރޫއުތަކަށް ކުރި ޚަރަދު ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.