ޝަހީދު ހައިކޯޓަށް އައްޔަންކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި

ޝަހީދު ހައިކޯޓަށް އައްޔަންކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި

Author
ހުސައިން
03 އޮގަސްޓް 2025 10:10
0

ހަައިކޯޓުގެ ފަނޑިޔާރުކަމުން ހުސްވެފައިވާ ދެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައިވާ މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ އެ ކޯޓުން މިއަދު ބަލައިގަތެވެ.

ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓްގައި ދިރިއުޅޭ މުހައްމަދު ޝަހީދު ހައިކޯޓަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވުނު ބައްދަލުވުމެއްގައެވެ.

ޝަހީދުގެ އައްޔަންކުރުން ފަސްކުރުމަށް ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތަކުންނެވެ. މައްސަލައިގައި ފާހަގަކޮށްފައިވަނީ ޝަހީދަކީ ފަނޑިޔާރުކަމުގެ މަގާމަށް ގާނޫނީ ޝަރުތުތައް ފުރިހަމަވާ ފަރާތެއް ނޫންކަމަށާއި، އެހެންކަމުން އޭނާގެ އައްޔަންކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ކޯޓު އަމުރެއް ނެރެދިނުމަށެވެ.

މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ޝަހީދު ހައިކޯޓަށް އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މިއަދު އޭނާ އައްޔަންކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކޮމިޝަނުން ހުރިހާ ތައްޔާރީތަކެއް ފުރިހަމަކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ ކުރިން ޖުލައި މަހާ ހަމައަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އެކްޓިވް ކޮށް ބައިވެރިވެ، ޕާޓީ ޖަލްސާތަކުގެ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ، ޕާޓީގެ މުހިންމު ކަންކަމުގައި ފާހަގަކޮށްލެވޭ މިންވަރަށް ހަރަކާތްތެރިވި ބޭފުޅެކެވެ. ޕީއެންސީގެ މެންބަރުންގެ ދަފުތަރުގައި އޭނާގެ ނަން މިހާރުވެސް ރަޖިސްޓަރީ ކުރެވިފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމާއި، ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހައިކޯޓުން ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ހުސްވި މަގާމުތަކަށް ބަދަލުކުރުމުން ހައިކޯޓުގައި ދެ މަގާމު ހުސްވެފައިވެއެވެ.

ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރެވުނީ ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރެވޭނެ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު ބާތިލުކުރުމަށް ހުށަހެޅުނު މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފަށާފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.