ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ މަސްތަކުގައި ދައުލަތުގެ މުސާރައިގެ ޚަރަދު އިތުރުވި ނަމަވެސް، ސަރުކާރުގެ ޖުމުލަ ހަރަދުތައް ވަނީ ދަށަށް ގޮސްފައެވެ.
މިނިސްޓްރީން ނެރުނު ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުސާރައަށް ޚަރަދުވެފައިވަނީ 7.1 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ މިދުވަސްވަރު ޚަރަދުވި 6.7 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. އެހެންނަމަވެސް ރިކަރަންޓް ޚަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ 17.8 ބިލިއަން ރުފިޔާއިން މި އަހަރު 17.1 ބިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ.
ސަރުކާރުގެ ޖުމުލަ ޚަރަދުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޚަރަދުވެފައިވަނީ 24.2 ބިލިއަން ރުފިޔާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވެފައިވަނީ 26.3 ބިލިއަން ރުފިޔާއެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 37.2 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުމުލަ 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ.
ދައުލަތުގެ ޚަރަދުތަކަށް 49.2 ބިލިއަން ރުފިޔާ ހިނގާނެކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރެއިން 35.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދުތަކެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭއިރު، އޭގެ ތެރެއިން 12.4 ބިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިނގާނެ ޚަރަދެވެ.
ބަޖެޓު ޑެފިސިޓުގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، ދަރަނި އަދާކުރުމުގެ ޚަރަދުތައް ނުހިމަނައި ހިސާބުކުރާ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ހުންނާނެކަމަށް އަންދާޒާކުރެވެއެވެ.
ކޮމެންޓު ފޮނުވާ