ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ޑްރޯން ޝޯގައި ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ޑްރޯން ޝޯގައި ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

Author
ހުސައިން
31 ޖުލައި 2025 10:01
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރޯން ޝޯގައި ޑްރޯންތައް ވެއްޓި، ގެއްލިފައިވާ މައްސަލަ ބެލުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ސިގްނަލް ގެއްލުމުގެ ސަބަބުން ގިނަ އަދަދެއްގެ ޑްރޯން މޫދަށާއި ބިންމައްޗަށް ވެއްޓިފައިވާއިރު، ބައެއް ޑްރޯންތައް ވީތަނެއް ނޭނގި ގެއްލިފައިވެއެވެ. މި ހާދިސާގައި އެއާޕޯޓުގައި މަސައްކަތް ކުރި އެހެން މުވައްޒަފުންނަށް ވެސް ސިގްނަލް އަދި ނެޓްވޯކް ގެއްލުމުގެ މައްސަލަ ދިމާވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، ޑްރޯން ޝޯގެ ރިހާސަލް ކުރިއަށް ގެންދިޔައިރު މިފަދަ އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ. ނަމަވެސް އަސްލު ޝޯ ބޭއްވި ވަގުތު މި ހާދިސާ ހިނގިގޮތް ސާފުކޮށް ނޭނގޭތީ، މައްސަލަ ތަހުގީގުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައިގައި އެމްއޭސީއެލް ޒިންމާވާންޖެހޭކަމަށް ސާބިތުވެއްޖެނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެއެވެ. މި ވަގުތު ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާއިރު، ޑްރޯންތައް ވެއްޓުނު ސަބަބާއި، ސިގްނަލް ގެއްލުނު ސަބަބު ސާފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.