މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި އެތައް ހާސްތަކުން ރައްޔިތުން މަގުމައްޗަށް ނުކުމެ، ބޮޑުވަޒީރު އަންވަރު އިބްރާހިމް އިސްތިއުފާދޭން ގޮވާލައި ބޮޑު މުޒާހަރާއެއް ފަށައިފިއެވެ. އިއްޔެ ފެށުނު މި މުޒާހަރާގައި 18،000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މެލޭޝިޔާ ފުލުހުން ބުނެފައިވެއެވެ.
ކަޅު މާސްކާއި ކަޅު ޓީޝާޓް އަޅައިގެން މުޒާހަރާކުރި މީހުން، ކުއަލަލަމްޕޫރުގެ މަޝްހޫރު އިންޑިޕެންޑެންސް ސްކުއެއާގައި އެއްވެ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ނަރާތައް ޖަހަމުން ގެންދިޔައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ތަކެތީގެ އަގު ބޮޑުވަމުން ދިއުމާއި، ސަރުކާރުން ރައްޔިތުންނަށް ދިން ވައުދުތައް ފުއްދައިދީފައި ނުވާކަން ފާހަގަކޮށްފައެވެ.
2022 ވަނަ އަހަރު ވެރިކަމާ ހަވާލުވި އަންވަރު އިބްރާހިމް، އެގައުމުގެ އިގްތިޞާދު ރަނގަޅުކުރުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ގިނަ ވައުދުތަކެއް ވެފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ. ނަމަވެސް މި ވައުދުތަކުގެ ތެރެއިން ގިނަ ކަންތައްތައް ފުއްދައިދީފައި ނުވާތީ، ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުން އައިސްފައިވާ ކަމަށް ވެސް އެމީހުން ވަނީ ފާހަގަކޮށްފައެވެ.
މި ސިލްސިލާ މުޒާހަރާތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ތާއީދުކޮށް، ސަރުކާރަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. ފުލުހުންގެ ފަރާތުން ބުނެފައިވަނީ މުޒާހަރާ ސުލްހަވެރިކަމާއެކު ކުރިއަށް ގޮސްފައިވާ ކަމަށާއި، އެއްވެސް ހަމަނުޖެހުމެއް ދިމާވެފައި ނުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ