ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވުމަށް ރާއްޖެއަށް ޒިޔާރަތްކުރެއްވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތައުރީފުކުރައްވާފައެވެ. މޯދީ ވިދާޅުވީ ނަޝީދަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.
ރާއްޖޭގައި ހުންނަވަނިކޮށް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު، މޯދީ އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޝީދާއެކު ބޭއްވި ބައްދަލުވުމުގައި ވަރަށް މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. މޯދީ އިތުރަށް ވިދާޅުވީ، އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ވިޝަންގައި ދިވެހިރާއްޖެއަކީ އަބަދުވެސް ވަރަށް މުހިންމު ޤައުމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
"ގާބިލުކަން އިތުރުކުރުމާއި ތަރައްގީގެ ކަންކަމުގައި ގުޅިގެން މަސައްކަތްކުރާ ބައިވެރިއެއްގެ ގޮތުގައި، އިންޑިއާއިން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެ،" މޯދީ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ ވެރިކަން ނިމުނުފަހުން ވެސް، ނަޝީދު ދެމިހުންނެވީ އިންޑިއާގެ އިސް ލީޑަރުންނާ ވަރަށް ގާތް ގުޅުމެއް ބަހައްޓަވައިގެންނެވެ. މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ދުވަސްވަރުގައި ވެސް ނަޝީދު ވަނީ މޯދީއާ ބައްދަލުކުރައްވާފައެވެ.
މޯދީގެ މިފަހުގެ ޒިޔާރަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ދަތުރުފުޅަކީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ފުރުސަތެއް ކަމަށެވެ.
ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ އިގްތިސާދީ ގޮތުން ވަރަށް ބޮޑު ގޮންޖެހުމެއްގައި ހުރި ވަގުތެއްގައި، މާލީ ކާރިސާއަކުން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހަމަޖެހުމާއި ކުރިއެރުން ހޯދުމުގައި އިންޑިއާގެ އެހީތެރިކަމުން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ