އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހެނދުނު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަތްދޫލައިގެ މަރުހަބާއެއް ދެންނަވައިފިއެވެ.
މޯދީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި ސަލާމް ކުރެއްވިއިރު، އެއަރޕޯޓަށް ރައީސް މުއިއްޒު ވަޑައިގެން މަރުހަބާ ދެންނެވުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް މޯދީ ވިދާޅުވިއެވެ.
ދިވެހި ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ "މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަޤީން" ކަމަށެވެ.
ރައީސް މުއިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ، ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ މި ދަތުރުފުޅެވެ.
މި މުހިންމު ދަތުރުފުޅާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދެ ލީޑަރުންގެ ފޮޓޯފުޅުތަކާއި ދެ ގައުމުގެ ދިދަތަކުން ޒީނަތްތެރިކޮށްފައިވާއިރު، މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދު ވެސް އިންޑިޔާގެ ބޮޑުވަޒީރުގެ ފޮޓޯފުޅާއި އިންޑިޔާގެ ދިދައާއި ގިޑިގެ ހަދައި ޒީނަތްތެރިކޮށްފައިވެއެވެ.
އިންޑިޔާގެ ބޮޑުވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުމުގެ ޚާއްސަ ރަސްމިއްޔާތެއް މިއަދު މާލޭގައި ބޭއްވިފައިވާއިރު، މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ދެ ގައުމުގެ އިސްވެރިން ފާހަގަ ކުރައްވައެވެ.
ކޮމެންޓު ފޮނުވާ