މޯލްޑިވިއަން އިން ޓިކެޓް ގަތުމުގައި އިތުރު ލުއިތަކެއް ހަމަޖައްސައިފި

މޯލްޑިވިއަން އިން ޓިކެޓް ގަތުމުގައި އިތުރު ލުއިތަކެއް ހަމަޖައްސައިފި

Author
ހުސައިން
25 ޖުލައި 2025 09:24
0

ރާއްޖޭގެ ޤައުމީ އެއަރލައިން ކަމުގައިވާ މޯލްޑިވިއަން އިން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ޓިކެޓް ގަތުމުގެ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓިކެޓް ގަންނައިރު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ އަޕްލޯޑް ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ވަނީ އިޢުލާން ކޮށްފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ބަދަލަކީ ދަތުރުވެރިންގެ ތަޖުރިބާ ފަސޭހަކޮށް، ކަސްޓަމަރުންގެ ޕްރައިވަސީ ރައްކާތެރިކޮށް، ޚިދުމަތުގެ ހަލުވިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެކެވެ. އެހެންނަމަވެސް ޓިކެޓްގައި ލިޔެވޭ މަޢުލޫމާތު، ދަތުރުކުރުމަށް ބޭނުންކުރާ ލިޔެކިޔުންތަކާ އެއްގޮތަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ޓިކެޓްގައި ދަތުރުވެރިޔާގެ ނަމުގައި މައްސަލައެއް ހުރިނަމަ، އެކަން ރަނގަޅު ކުރުމަށް މޯލްޑިވިއަން ޓިކެޓިންގ އޮފީހަށް ގުޅައިގެން، ނުވަތަ އީމެއިލް އަދި 24 ގަޑިއިރު ހިންގާ ކޯލް ސެންޓަރ މެދުވެރިކޮށް ހިލޭ ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ލުއިތައް ލިބިގެން ދިޔަކަމުގައި ވިޔަސް، އެއަރޕޯޓުގައި ޗެކް-އިން ކުރާއިރާއި، ސެކިއުރިޓީ ޗެކް ކުރާއިރާއި، މަތިންދާބޯޓަށް އަރާއިރު ސައްހަ އައިޑެންޓިޓީ ކާޑު، ޑްރައިވިންގ ލައިސަންސް ނުވަތަ ޕާސްޕޯޓް ދެއްކުން ލާޒިމުވާނެއެވެ. ބޭރު ޤައުމުތަކަށް ކުރާ ދަތުރުތަކުގައި ޕާސްޕޯޓް ގެންގުޅުމަކީ މަޖުބޫރު ކަމެއް ކަމުގައި ވެސް މޯލްޑިވިއަން އިން ހަނދާން ކޮށްދީފައިވެއެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މެހެމާންދާރީ އާއި ހިތްހެޔޮކަމުގެ ރިވެތި ސިފަތައް އިތުރަށް ފާހަގަކޮށް، ކަސްޓަމަރުންނަށް އޮމާން އަދި ފަސޭހަ ދަތުރުކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ އަޒުމް ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.