ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ބޮޑު ޝަރަފެއް ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، އަންނަ ހުކުރު ދުވަހު ބޭއްވޭ މި މުހިންމު ރަސްމިއްޔާތުގައި ބައިވެރިވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަންނަވާ ކަމަށާއި، މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެ ގައުމުގެ ލީޑަރުން މުހިންމު މަޝްވަރާތަކެއް ކުރައްވާނެ ކަމަށް މޯދީ ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގައި ދެ ގައުމު ގުޅިގެން ހިންގާ އެކިއެކި މަޝްރޫއުތައް އިފްތިތާހުކުރުމާއި، ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެތައް އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2018 ވަނަ އަހަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ފަހަރުގެ ދަތުރުފުޅަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ދެ ގައުމުގެ ގުޅުން މިދިޔަ އަހަރުގެ ފުރަތަމަ ބައިގައި ގޮންޖެހުންތަކާ ކުރިމަތިލިނަމަވެސް، ފަހުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާވެ، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، މޯދީއާ އެކު މުހިންމު ބައްދަލުވުންތަކެއް ބާއްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވިއެވެ.
ކޮމެންޓު ފޮނުވާ