މަންދީއާއި ފައްޔާޒުގެ ވަކީލުން ޝަރީއަތަށް ހާޒިރުނުވުމުން މައްސަލަ ބޭރުކޮށްލައިފި

މަންދީއާއި ފައްޔާޒުގެ ވަކީލުން ޝަރީއަތަށް ހާޒިރުނުވުމުން މައްސަލަ ބޭރުކޮށްލައިފި

Author
ހުސައިން
22 ޖުލައި 2025 01:57
0

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އާއިލާއާ ގުޅޭގޮތުން އެމްޑީޕީގެ އިސް މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެން ސިވިލް ކޯޓުން ނިންމި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅި މައްސަލަ، ވަކީލުން ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން ބާތިލުކޮށްފައިވެއެވެ.

މި މައްސަލައިގައި މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ފަރާތުން ވަކާލާތުކުރާ ވަކީލުން ކޯޓުން ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުނުވުމާއި، ހާޒިރުނުވެވޭ ސަބަބު އަންގާފައި ނުވުމުން ހައިކޯޓުގެ ދެ ފަނޑިޔާރުން ވަނީ މައްސަލަ ބާތިލުކުރުމަށް ނިންމަވާފައެވެ. ނަމަވެސް ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ މި ނިންމުމާ ދެކޮޅަށް ރައުޔު ދެއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، މަންދީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ އުފުއްލެވީ މިދިޔަ އަހަރުގެ މާރިޗު މަހު އެމްޑީޕީގެ މުޒާހަރާއެއްގައި ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން ކަމަށް ބުނެ ދެއްކި ވާހަކައާ ގުޅިގެންނެވެ.

ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައި މަންދީ ދެއްކި ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ކަރާމާތަށް ގެއްލުން ލިބުނުކަން ސާބިތުވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ސާޖިދާގެ ފަރާތުން މައާފަށް އެދުމަށް އަމުރުކޮށްދިނުމަށް އެދުނު ނަމަވެސް، ކޯޓުން ވަނީ އެފަދަ އަމުރެއް ކުރެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ނިންމާފައެވެ.

ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް ފާހަގަކުރެއްވި ގޮތުގައި ކޯޓަށް ހާޒިރުވުމުގެ އަމުރު މަންދީއާއި ފައްޔާޒްގެ ފަރާތުން ބަލައިގަނެފައިވީ ނަމަވެސް، ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް އެ ދެފަރާތުގެ ވަކީލުން ހާޒިރުވެފައެއް ނުވެއެވެ. މިކަމުން ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދު ވަނީ މައްސަލަ ބާތިލުކުރުމަށް ތާއީދުކުރައްވާފައެވެ.

އެހެންނަމަވެސް ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅިފައިވާ ހުށަހެޅުމަކާ މެދު ކޯޓުން ގޮތެއް ނިންމަންދެން މައްސަލަ ފަސްކުރުމަށް ފެންނަ ކަމަށެވެ.

ހައިކޯޓުގެ ގަވާއިދުގެ ދަށުން އިސްތިއުނާފުގެ މައްސަލަ ބާތިލުކުރާތާ 15 ދުވަހުގެ ތެރޭގައި އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

މި މައްސަލަ ދައުވާކުރުމަށް ރައީސްގެ އާއިލާއިން ނިންމެވި ކަމުގެ އިއުލާން، އެ އާއިލާ ތަމުސީލުކުރާ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު މާރިޗު 15 ގައި ނޫސްވެރިންނާ ބައްދަލުކޮށް ކުރެއްވިއެވެ. އޭރު ސާޖިދާގެ ފަރާތުން އިއްވެވި ބަޔާނުގައި މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށާއި، ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތައްތަކަށް މަގުފަހިވެދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މައްސަލަ ފެމިލީ ކޯޓަށް ވެސް ހުށަހަޅާފައިވާއިރު، އެމްޑީޕީއަށް ދައުވާކުރަނީ އެ ވާހަކަތައް ދެކެވުނީ ޕާޓީގެ އެއްވުމެއްގައި ކަމުންނާއި، ފައްޔާޒަށް ދައުވާކުރަނީ ޓުވީޓަކާ ގުޅިގެން ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.