ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޚާއްޞަ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކަށަވަރުވެއްޖެއެވެ. ޖުލައި 25 އިން 26 އަށް ކުރިއަށް ގެންދެވޭ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެކި މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ބައެއް ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.
މި ދަތުރުފުޅުގެ ތެރޭގައި ސޮއިކުރެވޭނެ އެއްބަސްވުންތަކުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވިނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރެވޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި މޯދީއަށް ދައުވަތު ދެވިފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
މިއާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުވެސް މި މުއްދަތުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ މޯދީ ކަމަށް އަދި ކަށަވަރެއް ނުވެއެވެ.
އިނގިރޭސީންގެ ބާރުން ރާއްޖެ މިނިވަންވިތާ 60 އަހަރު ފުރޭ މި މުހިންމު ތާރީޚީ ދުވަހުގައި މޯދީ ވަޑައިގަތުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމުގެ ހެއްކެއްކަމުގައި ބެލެވެއެވެ. ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ ތެރޭގައި، މާލޭގައި ބޯފެނުގެ ދަތިކަން ދިމާވި ވަގުތު ފެން ފޯރުކޮށްދިނުމާއި، ކޮވިޑް-19 ބަލިމަޑުކަމުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މާލީ އެހީތެރިކަމުގެ ގޮތުން އިންޑިއާއިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނައިރު، 2025 އަދި 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލޯނު އެހީގެ މިންވަރު 600 ކްރޯޑް ރުޕީސް (70 މިލިއަން އެމެރިކާ ޑޮލަރު) އަށް މަތިކޮށްދީފައިވެއެވެ.
މިހާރު ރާއްޖޭގައި ހިނގަމުންދާ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރޭގައި، 500 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ލައިނެއްގެ ދަށުން އިންޑިއާގެ އެހީގައި ހިނގަމުންދާ މާލެ-ވިލިނގިލި ބްރިޖު މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން، ހައި އިމްޕެކްޓް ޕްރޮޖެކްޓްތަކުގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އެހީގައި ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ