ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ގެ ރެއިޑްކޮށް ފައިގައި ޓެގް އަޅުވަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ގެ ރެއިޑްކޮށް ފައިގައި ޓެގް އަޅުވަން ކޯޓުން އަމުރު ކޮށްފި

Author
ހުސައިން
19 ޖުލައި 2025 05:05
0

ބަޣާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ޤައުމުން ފިލައިގެން ދާން އުޅޭ ކަމަށް ބެލެވޭތީ، އޭނާގެ ގޭގެ ބަލައި ފާސްކޮށް، ފައިގައި އިލެކްޓްރޯނިކް ޓެގެއް އެޅުވުމަށް ކޯޓުން އަމުރެއް ނެރެފިއެވެ.

މި އަމުރާ ގުޅިގެން ފުލުހުން އިއްޔެ ވަނީ 70 އަހަރުގެ ބޮލްސޮނާރޯގެ ގެއަށް ވަދެ، ތަފާތު ތަކެތި ބަލައި ފާސްކޮށްފައެވެ. މީގެ އިތުރުން އޭނާގެ ހުރިހާ ހަރަކާތްތަކެއް ވަޒަންކޮށް ބެލުމުގެ މަސައްކަތް ވެސް ފުލުހުން ފަށައިފިއެވެ. ކޯޓުން ނެރުނު އަމުރުގައި ބޮލްސޮނާރޯ ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައިވާ އިރު، އޭނާގެ ދަރިފުޅު އެޑްއާޑޯ ބޮލްސޮނާރޯއާ ގުޅުން ބެހެއްޓުން ވެސް ހުއްޓުވުމަށް އަންގާފައިވެއެވެ.

2019 އިން 2022 އަށް ބްރެޒިލްގެ ވެރިކަން ކުރި ބޮލްސޮނާރޯގެ މައްޗަށް ތުހުމަތު ކުރެވެނީ، މިހާރުގެ ރައީސް ލޫލާ ޑި ސިލްވާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދުމަށްފަހު، އޭނާ ހުވާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ބަޣާވާތެއް ރާވައި ހިންގަން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް ބޮލްސޮނާރޯ މި ތުހުމަތުތައް ބާރަށް ދަފުރާލައެވެ.

އޭނާގެ ދަރިފުޅު އެޑްއާޑޯ ބޮލްސޮނާރޯ މިހާރު ގެންދަވަނީ ބައްޕަފުޅަށް ޤައުމުން ފިލުމުގެ ހުއްދަ ހޯދުމަށް ސިޔާސީ ތަފާތު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އެމެރިކާގެ އޮފިޝަލުންނާއި، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި، އެކި ޤައުމުތަކުގެ އެމްބަސީތައް ވެސް ޝާމިލުވެއެވެ.

ކޯޓުން ނެރުނު އަމުރާ ގުޅިގެން ބޮލްސޮނާރޯ ވިދާޅުވީ، އޭނާ ޤައުމުން ފިލައިގެން ދާން އުޅޭ ކަމަކީ ހަޤީޤަތެއް ނޫން ކަމަށާއި، އޭނާއާ ދެކޮޅަށް ނެރުނު މި އަމުރަކީ "ލަދުވެތިކަމުގެ އެންމެ މަތީ ދަރަޖަ" ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.