މުރައިދޫގައި ކޮޅިގަނޑުގެ ސަބަބުން ގެތަކާއި ކައުންސިލް އިދާރާގެ ފުރާޅަށް އެއްލާލައިފި

މުރައިދޫގައި ކޮޅިގަނޑުގެ ސަބަބުން ގެތަކާއި ކައުންސިލް އިދާރާގެ ފުރާޅަށް އެއްލާލައިފި

Author
ހުސައިން
19 ޖުލައި 2025 09:07
0

އިއްޔެ ހަވީރު ހއ. މުރައިދޫގައި އައި ކޮޅިގަނޑެއްގެ ސަބަބުން މީހުން ދިރިއުޅޭ ތިން ގެއަކާއި ކައުންސިލް އިދާރާގެ ފުރާޅު އެއްލާލައިފިއެވެ. މި ކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓަކުންނެވެ.

ކޮޅިގަނޑުން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދެ ގޭގެ ފުރާޅު ވަގުތީ ގޮތުން މަރާމާތުކޮށް، މީހުންނަށް ރޭގަނޑު ތިބެވޭނެ ހާލަތަކަށް ގެނައުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތުގައި ރަށު ކައުންސިލާއި، ރައްޔިތުންނާއި، ފުލުހުންނާއި އަދި އެމްޓީސީސީގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލް އިދާރާގައި އިދާރީ މަސައްކަތްތައް ކުރެވޭ ފެންވަރަށް ގެނެސް، ގެއްލުން ލިބުނު ގެތަކުގެ މައުލޫމާތު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅައި، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މިފަދަ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުން ދައްކާ އެއްބާރުލުމާއި އިޖުތިމާއީ ބަދަހިކަމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި، އެއީ ހިތަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ވައިގަދަ މޫސުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެއްލުންތައް ލިބެމުން އަންނަ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކުގައި އުދައިގެ އަސަރުތައް ކުރަމުންދާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.