އައި.އެފް.އެފް.އެޗް.އެސް އަހަރުގެ މޮޅު ކުޅުންތެރިއަކަށް ލެވަންޑޮސްކީ

އައި.އެފް.އެފް.އެޗް.އެސް އަހަރުގެ މޮޅު ކުޅުންތެރިއަކަށް ލެވަންޑޮސްކީ

Author
އިބްރާހީމް ސާޢިދު
05 ޖެނުއަރީ 2021 12:44
0

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައި.އެފް.އެފް.އެޗް.އެސް) އިން ހޮވި 2020 ވަނަ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ފާއިތުވި އަހަރުގެ ގިނަ އެވޯޑް ހަފްލާތަކުގައި އަހަރުގެ މޮޅު ކުޅުންތެރިޔާކަން ހޯދާފައިވާ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ރޮބާޓް ލެވަންޑޮސްކީ ހޮވިއްޖެއެވެ.

"ދަ ވޯލްޑް ބެސްޓް މެންސް ޕްލެޔާ 2020 ބައި އައި.އެފް.އެފް.އެޗް.އެސް" ގެ މަގާމުގެ އިތުރުން މި އިދާރާއިން ހޮވާ އައި.އެފް.އެފް.އެޗް.އެސް "ދަ ވޯލްޑްސް ބެސްޓް ޓޮޕް ސްކޯރަރ 2020″ ގެ މަގާމާއި "ދަ އައި.އެފް.އެފް.އެޗް.އެސް ވޯލްޑް ޓީމް 2020″ ގައިވެސް އޭނާ ވަނީ ހިމެނިފައެވެ. އައި.އެފް.އެފް.އެޗް.އެސް އިން 2020 ވަނަ އަހަރު ފާހަގަ ކުރެވޭ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންނަށް އިތުރު އެވޯޑް ތަކެއް ދީފައި ވާއިރު 2020 ވަނަ އަހަރުގެ ބެސްޓް ނޭޝަނަލް ގޯލް ސްކޯރަރ އަކަށް ހޮވިފައިވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ފާއިތުވީ ސީޒަންގައި ފީފާއިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ދުބާއީގެ ގްލޯބް ސޮކާ އެވޯޑްސްގެ 2020 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ލެވަންޑޮސްކީ އެވެ. ސައުތު އެމެރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހޮވިފައިވާއިރު އޭއެފްސީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓޮޓެންހަމް އަށް ކުޅެމުން އަންނަ ސައުތް ކޮރެއާގެ ތަރި ސޮން ހިޔުންގް މިން އެވެ.

އިންޓަނޭޝަނަލް ބެސްޓް ގޯލް ސްކޯރަރ އަކަށް ބެލްޖިއަމްގެ ރޮމެރޯ ލުކާކޫ ހޮވިފައިވާއިރު އެފްރިކާ ބައްރުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލިވަޕޫލް އަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.