ސްކޫލް ބަންދަށް މޯލްޑިވިއަނުން ރާއްޖެތެރެއާއި އިންޑިއާއަށް 18 މަންޒިލަކަށް އިތުރު ދަތުރުތައް ކުރާނެ

ސްކޫލް ބަންދަށް މޯލްޑިވިއަނުން ރާއްޖެތެރެއާއި އިންޑިއާއަށް 18 މަންޒިލަކަށް އިތުރު ދަތުރުތައް ކުރާނެ

Author
ޙަސަން މުޙައްމަދު
16 ޖުލައި 2025 03:05
0

ސްކޫލް ބަންދާ ގުޅިގެން ދަތުރުފަތުރުގެ ޑިމާންޑް އިތުރުވާނެކަމަށް ބަލައި، ޤައުމީ އެއަރލައިން މޯލްޑިވިއަނުން ރާއްޖޭގެ 16 ރަށަކާއި އިންޑިއާގެ 2 ސިޓީއަކަށް އިތުރު ދަތުރުތައް ކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި، ކޮންމެ އަހަރަކުވެސް ސްކޫލް ބަންދުގައި ރާއްޖެތެރެއާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާތީ، ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ފިޔަވަޅު އަޅާފައިވާކަމަށެވެ. މި އިތުރު ދަތުރުތައް ހިންގާނީ މިހާރު ހިނގަމުންދާ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 9 ވަނަ ދުވަހާ ހަމައަށެވެ.

އެތެރޭގެ ދަތުރުތަކުގެ ގޮތުގައި ގަން، ކުޅުދުއްފުށި، ފުވައްމުލަކު، ކައްދޫ، ހަނިމާދޫ، މާފަރު، ކޫއްޑޫ، ދަރަވަންދޫ، ތިމަރަފުށި، ފުނަދޫ، ހޯރަފުށި، އިފުރު، ކާޑެއްދޫ، މާވަރުލު އަދި ފަރެސްމާތޮޑާ ފަދަ ރަށްރަށަށް އިތުރު ދަތުރުތައް ހަމަޖެހިފައިވެއެވެ.

ޖުލައި 22 ވަނަ ދުވަހުން ފެށިގެން ތަފާތު ދުވަސްތަކުގައި މި ރަށްރަށަށް އިތުރު ދަތުރުތައް ހިންގާނެއެވެ. މިސާލަކަށް ޖުލައި 24 ވަނަ ދުވަހު ގަން، ކާޑެއްދޫ، ފުވައްމުލަކު، ކައްދޫ، ހަނިމާދޫ، މާފަރު އަދި ކުޅުދުއްފުށްޓަށް ދަތުރުތައް ހިންގާނެއެވެ. އަދި ޖުލައި 25 ވަނަ ދުވަހު ގަން، ފުވައްމުލަކު، ކާޑެއްދޫ، ކައްދޫ، ތިމަރަފުށި، ދަރަވަންދޫ، ފުނަދޫ، ކުޅުދުއްފުށި އަދި މާވަރުލަށް ދަތުރުތައް ކުރާނެއެވެ.

އިންޑިއާއަށް ކުރާ ދަތުރުތަކުގެ ގޮތުގައި ޓްރިވެންޑްރަމް އަދި ކޮޗިން ސިޓީއަށް އިތުރު ދަތުރުތައް ހަމަޖެހިފައިވެއެވެ. ޖުލައި 25 ވަނަ ދުވަހު ޓްރިވެންޑްރަމް އަދި ކޮޗިނަށް، ޖުލައި 27 ގައި ކޮޗިނަށް، ޖުލައި 30 ގައި ޓްރިވެންޑްރަމަށް، އޮގަސްޓް 3 ގައި ކޮޗިނަށް، އޮގަސްޓް 8 އަދި 10 ވަނަ ދުވަހު ދެ ސިޓީއަށްވެސް ދަތުރުތައް ހިންގާނެއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި، ސްކޫލް ބަންދުގައި ބޭސްފަރުވާއަށް ދާ މީހުންނާއި، ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާތީ، މި ޑިމާންޑަށް ރިޢާޔަތްކޮށް މި ދަތުރުތައް އިތުރުކޮށްފައިވާކަމަށެވެ. ކުރިން ބޭއްވުނު ބަންދުތަކުގައިވެސް މިފަދައިން އިތުރު ދަތުރުތައް ހިންގާފައިވާކަން މޯލްޑިވިއަނުން ފާހަގަކުރެއެވެ.

މިހާރު މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓު ހިމެނޭކަމަށް އެ އެއަރލައިނުން ބުންޏެވެ. އޭގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓު، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓު އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.