ވީއައިއޭގެ އާ ޓާމިނަލްގެ ސަލާމަތީ ނިޒާމްތައް ޓެސްޓްކުރަން ޑާސާއިން ފެށި

ވީއައިއޭގެ އާ ޓާމިނަލްގެ ސަލާމަތީ ނިޒާމްތައް ޓެސްޓްކުރަން ޑާސާއިން ފެށި

Author
ހުސައިން
16 ޖުލައި 2025 09:19
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ޓާމިނަލްގެ ސަލާމަތީ ނިޒާމްތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ފަށައިފިއެވެ.

މި އިންސްޕެކްޝަންތަކަކީ އާ ޓާމިނަލްގައި އޭވިއޭޝަން ސެކިއުރިޓީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަ ދިނުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއޭސީއެލްއާ ގުޅިގެން ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިހާތަނަށް ޓާމިނަލްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމާއި ސީސީޓީވީ ނިޒާމް ވަނީ ބަލައި ޓެސްޓްކޮށް ނިމިފައި ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ހޯލްޑް ބެގޭޖް ސްކްރީނިން އަދި ބެގޭޖް ހޭންޑްލިން ސިސްޓަމްގެ ޓްރަޔަލް ސެޝަންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރާ އެހެނިހެން އިކުއިޕްމެންޓްތައް ޓެސްޓްކުރުމާއި، ޓާމިނަލްގައި ގާއިމުކޮށްފައިވާ ނިޒާމްތައް ބޭނުންކުރުމުގެ އެސްއޯޕީތައް ރިވިއުކޮށް ހުއްދަ ދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަކުރެއެވެ.

މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލް އާއެކު ފަސިންޖަރުންނަށް ލިބޭނެ ފަސޭހަތަކުގެ ތެރޭގައި، ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހުން ހިމެނެއެވެ. މިގޮތުން ޓާމިނަލަށް ވަދެ ޓިކެޓު ދައްކާލުމަށްފަހު ސީދާ ޗެކިން ކައުންޓަރަށް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އާ ޓާމިނަލްގައި ޖުމްލަ 47 ޗެކިން ކައުންޓަރާއި 6 ސެލްފް ޗެކިން ކިއޮސްކް ގާއިމުކޮށްފައިވާއިރު، ޗެކިން އޭރިއާގެ ޖާގަ ތަނަވަސްކޮށްފައިވާތީ ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ފަސިންޖަރުންނަށް ޚިދުމަތް ލިބުން އަވަސްވާނެ ކަމަށް އެމްއޭސީއެލް އިން އުންމީދުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.