ދަރިފުޅު ނިޔާވުމުގެ އަށެއްކަ ގަޑިއިރު ކުރިން، އަޝްފާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއް!

ދަރިފުޅު ނިޔާވުމުގެ އަށެއްކަ ގަޑިއިރު ކުރިން، އަޝްފާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއް!

Author
ހުސައިން
14 ޖުލައި 2025 09:37
0

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީއާއި މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު (އަލް) ރޭ މާލޭގައި ހިނގި ބޮޑު އެކްސިޑެންޓެއްގައި ވަނީ ނިޔާވެފައެވެ.

މާފަންނު ބަސް ޓާމިނަލް ކައިރި، ވެރިރަށުގެ މައި މަގުގައި ހިނގި މި ހިތާމަވެރި ހާދިސާގައި އަލްސަންގެ އިތުރުން އިތުރު ދެ މީހަކު ވެސް ވަނީ އަނިޔާ ލިބިފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު އަނިޔާވި 16 އަހަރުގެ ކުޑަކުއްޖާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ ވާރޑްގައެވެ.

އަލްސަންގެ ކުއްލި މަރުވުމަކީ އެ ދަރިފުޅުގެ އާއިލާއަށް ވެސް އަދި މުޅި ދިވެހި މުޖުތަމައަށް ވެސް ވަރަށް ބޮޑު ހިތާމައެކެވެ.

މި ހިތާމަވެރި ހާދިސާ ހިނގިތާ ގާތްގަނޑަކަށް އަށެއްކަ ގަޑިއިރު ކުރިން، އަލްސަންގެ މަންމަ މަރިޔަމް އަޝްފާ އިންސްޓަގްރާމްގައި ޝެއަރ ކުރެއްވި ޕޯސްޓެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. މި ޕޯސްޓުގައި އަޝްފާ ފާހަގަ ކުރައްވާފައި ވަނީ މަރުގެ މަލާއިކަތާ ދިމާވުމުން ކަންތައްތައް ހިނގާނެ ގޮތާ ބެހޭ ގޮތުންނެވެ.

އަޝްފާގެ ޕޯސްޓުގައި ބުނެފައިވާ ގޮތުން، މަރުގެ ވަގުތު ކައިރިވުމުން އެކަން ލަސްކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެއީ މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކަނޑައެޅިފައިވާ ވަގުތުގައި އެކަން ހިނގައި ނިމޭނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މާތް ރަސްކަލާނގެ އިރާދަފުޅާއެކު ހުރިހާ ކަމެއް ކަނޑައެޅިފައިވާ ގޮތަށް ހިނގާނެ ކަމަށް ވެސް އަޝްފާ ލިޔުއްވާފައިވެއެވެ.

އަލްސަންގެ މަރަކީ ދިވެހި އާރޓް ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެކެވެ. ކީރިތި ﷲ އަލްސަންގެ ފާފަތައް ފުއްސަވައި، ސުވަރުގޭގެ ނިޢުމަތްތަކުގެ ތެރެއިން ހިއްސާ ކުރައްވާށިއެވެ. އަދި އެ ދަރިފުޅުގެ މައިންބަފައިންނަށާއި އާއިލާގެ އެންމެހައި މެންބަރުންނަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. މި އެކްސިޑެންޓުގައި އަނިޔާވި އެހެން ދެ ފަރާތަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.