ރާއްޖޭގެ ވެރިރަށް މާލޭގައި ރޭ ހިނގި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ޒުވާނެއް މަރުވެ، ދުވަން ނުކުމެ އުޅުނު މީހަކު ބޮޑެތި އަނިޔާތަކާއެކު އައިސީޔޫގައި ފަރުވާ ހޯދަމުން ދާކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދީފިއެވެ.
މި ހާދިސާގައި މަރުވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު އެވެ. އޭނާގެ ޖަނާޒާ ބާއްވައި ވަޅުލުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކައިރީގައި އޮންނަ ޒިބްރާ ކްރޮސްއިން ހުރަސްކުރަން މަސައްކަތްކުރަމުން ދިޔަ ބ. ތުޅާދޫ، އިބްރާހިމް ސިރާޖް، 40، ގެ ގައިގައި ސައިކަލުން ޖެހި، އޭނާ ވިއްސައިގެން ގޮސް ބިންމަތީގައި ޖެހުނެވެ. މި ހާދިސާގެ ސަބަބުން ސިރާޖުގެ ބޯ ފެޅި، މޫނުގެ ބައެއް ކަށިތަކާއި މޭކަށިތައް ބިނދިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، ވެންޓިލޭޓަރަށް ލައިގެން އައިސީޔޫގައި ފަރުވާދެމުން ދާކަމަށް ފުލުހުން ހާމަކުރިއެވެ.
ސައިކަލް ދުއްވި އަލްސަން އާއި އޭނާގެ ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖަކު މުޑި އެރީ ކުރިމަތިން ދުއްވަމުން އައި ޕިކަޕަކާއެވެ. އަލްސަން ލިބުނު ބޮޑެތި އަނިޔާތަކާއެކު ރޭ ނިޔާވި އިރު، ފަހަތުގައި އިން ކުއްޖާ މިވަގުތު އައިޖީއެމްއެޗުގެ ވޯޑެއްގައި ފަރުވާ ހޯދަމުން ދާކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މި ހާދިސާ ހިނގި މަންޒަރު ހިމެނޭ ސީސީޓީވީ ފުޓޭޖު ރޭ އާންމުވެފައިވާ އިރު، އޭގައި ފެންނަނީ ދުވަން ނުކުމެ އުޅުނު މީހާ ޒިބްރާ ކްރޮސްއަށް އެރުމަށްފަހު، ސައިކަލު ބާރު ސްޕީޑުގައި އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލުން ނެއްޓެންވެގެން ތަންކޮޅެއް ބާރަށް ކުރިއަށް ދާން މަސައްކަތް ކުރި ނަމަވެސް، ސައިކަލު މުޑިއެރީ ކުރިމަތިން އައި ޕިކަޕަކާއެވެ. ޕިކަޕު މަޑުވީ ސައިކަލު ޖެހުނުތާ ސިކުންތުކޮޅެއް ފަހުންނެވެ.
ކޮމެންޓު ފޮނުވާ