ކޮރޯނާ ވައިރަސްގެ ޕެންޑަމިކާއި ގުޅިގެން ގޭގައި މަޑުކުރުމަށްފަހު ރިތިކް ރޯޝަން އަނބުރާ މަސައްކަތަށް ނުކުމެއްޖެ އެވެ.
ރިތިކް ރޯޝަންވަނީ ސެޓުގައި ސެލްފީއެއްނަގައި އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. ރިތިކްގެ މި ސެލްފީގައި އޭނާގެ ރީތިކަމުން ސޯޝަލް މީޑިއާއަށް ތޫފާނެއް އައީ މަދު ވަގުތު ކޮޅެއްގެ ތެރޭގައިއެވެ. މި ފޮޓޯ އަށް އެތައްބައެއްގެ ސަމާލުކަން ލިބި މިލިއަނަށްވުރެ ގިނަ ލައިކް ލިބިފައިވެއެވެ. މި ފޮޓޯ ހިއްސާކުރަމުން "ސެޓަށް އައީކަމަށް" ލިޔެފައިވެއެވެ. ފޭނުންނަށްވަނީ ރިތިކްގެ މި ލުކް ވަރަށް ކަމުގޮސްފައެވެ.
ރިތިކް ރޯޝަންގެ ދެންއަންނަ ފިލްމަކާ މެދުގައި ހުރިހާ ފޭނުންވެސް ސުވާކު އުފެދިފައިވާއިރު، ބައްޕަ ރާކޭޝް ރޯޝަންގެ "ކްރިޝް4″ އަށްވެސް ސޮއި ކުރިކަމަކަށް ޔަޤީންވެފައެއް ނުވެއެވެ. ރިތިކް އެންމެ ފަހުންފެނިގެންދިޔައީ 2019 ގައި ބުލޮކްބާސްޓާ ފިލްމު "ވޯރ" އިންނެވެ. އަދި މި ފިލްމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފަ އެވެ.
"ކްރިޝް4″ އާއި ބެހޭގޮތުން ޓައިމްސް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ރިތިކް ބުނެފައިވަނީ އޭނާގެ ބައްޕަގެ ހާލު އެހާ ރަނގަޅު ނުވުމުން މަސައްކަތް ފަހަށް ޖައްސާލީކަމަށާއި، މިހާރު ހާލު ރަނގަޅުވަމުން އަންނަކަމަށާއި ފިލްމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށެވެ.
މީގެ ދުވަސްކޮޅެއްކުރިން ރިތިކް ވަނީ އޭނާގެ ރައްޓެހިންނާއެކު ރިސޯޓެއްގައި މަޖާކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. ޑްރޯން އަކުން ނަގާފައިވާ މި ވީޑިއީގައި އޭނާގެ ރައްޓެހިންކަމުގައިވާ އެކްޓަރ ކުނާލް ކަޕޫރްވެސް ފެނިގެންދެއެވެ.