ފިނޭންސް މިނިސްޓްރީން ރޭ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، 26 ޖޫން 2025ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި 18.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.9 ޕަސަންޓުގެ އިތުރުވުމެކެވެ.
މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 26ގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 14.2 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ 76.5 ޕަސަންޓަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީކަން ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރޭގައި އެންމެ ބޮޑު އިތުރުވުމެއް ފެނިފައިވަނީ ގްރީން ޓެކްސްއަށެވެ. ގްރީން ޓެކްސްގެ ގޮތުގައި 1.063 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 553.6 މިލިއަން ރުފިޔާއަށް ވުރެ 92 ޕަސަންޓުގެ އިތުރުވުމެކެވެ. ހަމަ އެހެންމެ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 877.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 566 މިލިއަން ރުފިޔާއަށް ވުރެ 55 ޕަސަންޓުގެ އިތުރުވުމެކެވެ.
ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސްގެ ގޮތުގައި 232 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 191.5 މިލިއަން ރުފިޔާއަށް ވުރެ 21.1 ޕަސަންޓުގެ އިތުރުވުމެކެވެ.
ޓެކްސް ނޫން އާމްދަނީގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 883.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 579 މިލިއަން ރުފިޔާއަށް ވުރެ 52.5 ޕަސަންޓުގެ އިތުރުވުމެކެވެ. އަދި ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ އަދި ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީގެ ގޮތުގައި 967.6 މިލިއަން ރުފިޔާ ލިބިފައިވާކަން ރިޕޯޓުން ދައްކައެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އާމްދަނީގެ އިތުރުވުމާ އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވެސް 60.1 ޕަސަންޓު އިތުރުވެ، 1 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ހަރަދުތައް 17.8 ޕަސަންޓު ދަށަށް ގޮސްފައިވާއިރު، ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ 627 މިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ބަދަލުވެފައިކަން ރިޕޯޓުން ހާމަވެއެވެ.
ކޮމެންޓު ފޮނުވާ