ފަސްޓް ލޭޑީގެ ދައުވާއަށް ސިވިލް ކޯޓުން ނިންމި ނިންމުން އެމްޑީޕީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

ފަސްޓް ލޭޑީގެ ދައުވާއަށް ސިވިލް ކޯޓުން ނިންމި ނިންމުން އެމްޑީޕީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

Author
ހުސައިން
08 ޖުލައި 2025 03:07
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒާ ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ދެއްކެވި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލަ ބަލަން ސިވިލް ކޯޓުން ނިންމި ނިންމުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެމްޑީޕީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ. އެހެންނަމަވެސް މި މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މިދިޔަ ރަމްޟާން މަހު މާލޭގެ މަގުތަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން މަންދީ ވިދާޅުވެފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ރައީސްގެ އާއިލާއިން އެ މައްސަލައިގައި ދައުވާ ކުރާނެކަމަށް ވިދާޅުވުމުން، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް މަންދީ، އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ދައުވާ ހުށަހަޅުއްވާފައިވެއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެކަމަށް ބުނެ އެމްޑީޕީގެ ފަރާތުން އިއުތިރާޒުތަކެއް ހުށަހެޅި ނަމަވެސް، ސިވިލް ކޯޓުން ނިންމީ އެ މައްސަލަ އެ ކޯޓަށް ބެލޭނެކަމަށެވެ. އަދި ދައުވާއަށް ޖަވާބުދާރީވުމަށް ވެސް އެ ކޯޓުން އަންގާފައިވެއެވެ.

އެމްޑީޕީން ބުނާގޮތުގައި މަންދީ ވާހަކަ ދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ނޫންކަމަށާއި، ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަކުރެއްވީ މެޑަމް ސާޖިދާގެ ފަރާތްޕުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ. މީގެ އިތުރުން، ރައީސްގެ ދަރިކަލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އެ ކަމަނާގެ ވަކީލް އާޒިމާ ޝަކޫރްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.