ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ލީޑަރޝިޕްގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާހަގަކުރައްވައިފި އެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިމުނު މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ އިގުތިސާދު އޮތީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާފައި ކަމަށެވެ. އެހެންނަމަވެސް، ތަރައްގީގެ މަޝްރޫއުތައް މަޑުޖެއްސުނަ ނުދިނުމަށް ރައީސް ކެނޑިނޭޅި މަސައްކަތް ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ތަރައްގީގެ މަޝްރޫއުތަކުގެ ޓައިމްލައިންތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި، މަޝްރޫއުތައް ނިންމުމަށް ކަނޑައެޅިފައިވާ ތާރީހުތަކަށް ބަދަލު ގެނައުމަށް ފުރުސަތު ނުދެއްވާކަމަށް ސައީދު ވިދާޅުވި އެވެ. މިގޮތުން ވީއައިއޭގެ އާ ޓާމިނަލް މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވޭނެ. ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މަޝްރޫއު ނިންމުމަށް ވަކި ތާރީހެއް ކަނޑައަޅުއްވައި، އެއާޕޯޓަށް ވަރަށް ސާފު އިންސްޓްރަކްޝަންތަކެއް ދެއްވި. އެ ނަތީޖާ މިހާރު ފެނިގެން މި ދަނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދު ހަމަމަގަށް އެޅުވުމަށާއި އިންވެސްޓަރުންގެ އިތުބާރު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ހަވާލުކޮށްގެން އިމާރާތްކުރަމުން އަންނަ ވީއައިއޭގެ އާ ޓާމިނަލަކީ 72،000 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ސެލްފް ސާވިސް ކިއޮސްކާއި، ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރު ހިމެނޭ އެވެ.
ބިން ލާދިން ގްރޫޕުން މި މަސައްކަތް ކުރަމުން ގެންދަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) މެދުވެރިކޮށެވެ. އާ ޓާމިނަލް ހުޅުވުމުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރެވޭ އެވެ.
ކޮމެންޓު ފޮނުވާ