މޯލްޑިވިއަންއިން މިމަހުގެ ފަހުކޮޅު އުމްރާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

މޯލްޑިވިއަންއިން މިމަހުގެ ފަހުކޮޅު އުމްރާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

Author
ހުސައިން
08 ޖުލައި 2025 11:11
0

ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންއިން މިމަހުގެ ފަހުކޮޅު އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ. މި ނިންމުން ނިންމީ ހައްޖު މޫސުމުގައި އެ ކުންފުނިން ކުރި ދަތުރުތަކުގެ ކާމިޔާބީއާ ގުޅިގެން ގިނަ އުމްރާ ކުންފުނިތަކަކުން އެ ޚިދުމަތް ހޯދަން އެދުމުންނެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި، މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިމަހުގެ ފަހު ހަފްތާގައި އުމްރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެ އެވެ. އަދި މިއަހަރުގެ އެކި ދުވަސްތަކުގައި މި ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ.

އިޔާސް ވިދާޅުވީ "އިރާދަކުރެއްވިއްޔާ މިމަހުގެ ފަހު ހަފްތާގައި އަޅުގަނޑުމެން އުމްރާއަށް ފްލައިޓްތައް ފަށާނަން. އަދި މިއަހަރުގެ ތެރޭގައި އެކި މުއްދަތުތަކުގައި އުމްރާ ދަތުރުތައް ކުރިއަށް ގެންދާނަން" ކަމަށެވެ.

މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓު ބޭނުންކޮށްގެން ކުރާ މި ދަތުރުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏަކާ ގުޅިގެންނެވެ. ހައްޖު ކޯޕަރޭޝަނުގެ އުމްރާ ދަތުރުތައް ކުރިއަށްދާނީ މިމަހުގެ 22 އާއި 27 ވަނަ ދުވަހު ކަމަށް މޯލްޑިވިއަންއިން މަޢުލޫމާތު ދީފައިވެ އެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ޙާއްޖީން ސައުދީ އަރަބިއްޔާއަށް ގެންދިއުމަށް މޯލްޑިވިއަންއިން ދެ ދަތުރު ކޮށްފައިވާއިރު، އެ ތަޖުރިބާގެ މައްޗަށް ބިނާކޮށް އުމްރާ ދަތުރުތަކުގެ ޚިދުމަތް ފުޅާކުރަން މިހާރު ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.