ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގ ޕްލެޓްފޯމް ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި "އޯލް ދަ ޝާކްސް" ޝޯގައި ދިވެހިރާއްޖޭގެ ފުވައްމުލަކު ސިޓީގެ މަޝްހޫރު ޝާކް ޕޮއިންޓް ފާހަގަކޮށް، މުޅި ދުނިޔެއަށް އެ ސަރަހައްދުގެ ޚާއްޞަކަން ދައްކާލައިފިއެވެ.
މި ޝޯގައި ފުވައްމުލަކަށް "ޝާކް އައިލެންޑް" ގެ ނަމުން ނިސްބަތްކޮށްފައިވާއިރު، ފެމުނު މިޔަރު ފަތުރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ މަޝްހޫރު ތަނެއްގެ ގޮތުގައި ފުވައްމުލަކުގެ ޝާކް ޕޮއިންޓް ހިމެނިފައިވެއެވެ. މި ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ސަރަހައްދެއް ކަމުގައި ވާއިރު، މިހާރު މި ޝޯ މެދުވެރިކޮށް އޭގެ މަޝްހޫރުކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
މިޔަރުގެ ފޮޓޯ ނެގުމުގެ ވާދަވެރި މުބާރާތެއްގެ މައްޗަށް ބިނާވެފައިވާ މި ޝޯގައި ހަތަރު ޓީމެއް ބައިވެރިވެ، ދުނިޔޭގެ އެކި ޝާކް ޕޮއިންޓްތަކުގައި ފީނައިގެން މިޔަރުގެ އެންމެ ރީތި ފޮޓޯތައް ނެގުމަށް މަސައްކަތް ކުރެއެވެ. ޝޯ ފެށޭއިރު ފުވައްމުލަކުގެ ޤުދުރަތީ ރީތިކަން ފާހަގަކޮށް، ރަށުގެ ސާފު ރުއްގަހާއި ރީތި ގޮނޑުދޮށުގެ މަންޒަރުތައް ދައްކާލައިފައިވާއިރު، އޭގެ ފަހުން ލޯންޗުތަކުގައި ޝާކް ޕޮއިންޓަށް ދަތުރުކުރާ މަންޒަރުތަކާއި އެ ސަރަހައްދުގައި ތިބި މިޔަރުތަކުގެ މަންޒަރުތައް ފެނިގެންދެއެވެ.
މުބާރާތުން މޮޅުވާ ޓީމަށް 50،000 އެމެރިކާ ޑޮލަރުގެ އިނާމެއް ލިބޭއިރު، މި އިނާމު އެ ޓީމުން އިޚްތިޔާރުކުރާ ޗެރިޓީ ޖަމްޢިއްޔާއަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށާއި، ޚާއްޞަކޮށް ފުވައްމުލަކުގެ ޤުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތަކުގެ ރީތިކަން ދުނިޔެއަށް ތަޢާރަފުވެގެންދާ މުހިންމު ފުރުޞަތެއް ކަމުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.