އަންނަން އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިހާރުގެ ސަރުކާރަށް ބޮޑު ބަލިކަމެއް ކުރިމަތިވާނެ ކަމަށާއި ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މާލެއާއި ރާއްޖޭގެ އެކި ސިޓީތަކުގެ ރައްޔިތުންގެ ޝުއޫރުތަކާއި އިހުސާސްތައް ބަލާއިރު، މި އިންތިހާބު ވެގެންދާނީ ސަރުކާރު ބޮޑުތަނުން ބަލިވާ އިންތިހާބަކަށް ކަމަށެވެ.
"މިހާތަނަށް ރަށްރަށުން ލިބޭ މައުލޫމާތުތަކަށް ބަލާއިރު، މި ލޯކަލް ކައުންސިލް އިންތިހާބަކީ މި ސަރުކާރު ބޮޑުތަނުން ބަލިވާނެ އިންތިހާބެއް،" ޝާހިދު ވިދާޅުވި އެވެ.
މިފަހަރުގެ އިންތިހާބަށް އެމްޑީޕީން ދުރާލައި ތައްޔާރުވެ، ޕާޓީގެ އެންމެހައި މެންބަރުން އެކަތިގަނޑަކަށް ވާންޖެހޭނެ ކަމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ. މީގެ އިތުރުން، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގައި ޕާޓީއަށް ދޭ އެންމެ ރަނގަޅު ހަދިޔާއަކީ މި އިންތިހާބު ކާމިޔާބުކުރުން ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.
ޝާހިދު ވަނީ މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލަރުންގެ އަދަދު މަދުކުރަން މަސައްކަތް ކުރަނީ އެޓޯލްސް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އައްޔަން ކުރުމަށް ޖާގަ ހޯދުމަށެވެ.
ކޮމެންޓު ފޮނުވާ