ގުޅީފަޅު ބިންވެރިޔާ ސްކީމްގެ އާ ރަޖިސްޓްރީ ދޫކުރަން ފަށައިފި

ގުޅީފަޅު ބިންވެރިޔާ ސްކީމްގެ އާ ރަޖިސްޓްރީ ދޫކުރަން ފަށައިފި

Author
ހުސައިން
01 ޖުލައި 2025 08:59
0

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް އާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރުމުގެ މަސައްކަތް މިއަދު ފެށިއްޖެއެވެ. މިކަމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުޞަތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފިއެވެ.

ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ގުޅީފަޅުގެ ބިން ބޭނުންކުރުމުގެ ޕްލޭން ބަދަލުކުރުމާ ގުޅިގެން، ކުރިން ގޯތި ލިބުނު ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވެއެވެ. މިކަމާ ގުޅިގެން މިދިޔަ މޭ 30 ގައި އުސްފަސްގަނޑު ސަރަޙައްދުގައި އާ ގުރުއަތު ނެގުން ބޭއްވި ކަމަށާއި، މި ގުރުއަތު ނެގުމަށްފަހު ކުރިން ދޫކުރި ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާޠިލްވެ، ކުރިން ސޮއިކުރި އެއްބަސްވުން އުވިގެންދިޔަ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

އާ ލިޔެކިޔުންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީން ގެޒެޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އާ ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރުން ފަށާނީ މި މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެންނެވެ.

އެޕޮއިންޓްމަންޓަށް އެދި ހުށަހަޅާއިރު، ކޮންމެ ގަޑިއަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން، ހާޒިރުވާންޖެހޭ ގަޑިއާއި ތަނުގެ މަޢުލޫމާތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދިނެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމަކީ، އެ ސަރަޙައްދުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރެވުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭއިރު، މި ބަދަލާ ގުޅިގެން ގޯތި ލިބުނު ފަރާތްތަކަށް އާ ރަޖިސްޓްރީ ދޫކުރުމަކީ އެ މަސައްކަތުގެ މުހިންމު ބައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.