ރާއްޖެއަށް އިންވެސްޓް ކޮށްގެން ރެޒިޑެންސީ ލިބޭނެ ޕްރޮގްރާމް ފެށުމަށް ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވެއްޖެ

ރާއްޖެއަށް އިންވެސްޓް ކޮށްގެން ރެޒިޑެންސީ ލިބޭނެ ޕްރޮގްރާމް ފެށުމަށް ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވެއްޖެ

Author
ހުސައިން
01 ޖުލައި 2025 11:45
0

ދިވެހިރާއްޖޭގައި އިންވެސްޓް ކުރާ ބިދޭސީންނަށް ރެޒިޑެންސީ ވިސާ ލިބޭނެ ޕްރޮގްރާމެއް ތައްޔާރުކޮށް ހިންގުމަށް ސަރުކާރުން އިނގިރޭސިވިލާތުގެ ކޮންސަލްޓަންސީ ކުންފުންޏެއް ކަމުގައިވާ ހެންލީ އެންޑް ޕާޓްނާސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުގައި ބޭއްވުނު އިންވެސްޓްމަންޓް ފޯރަމްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ހެންލީ އެންޑް ޕާޓްނާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޕާޓްނަރު ފިލިޕް އަމަރާންޓޭއެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ޕްރޮގްރާމަކީ މުއްސަނދި އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް ޚާއްޞަކޮށް ތައްޔާރުކުރާ ޕްރޮގްރާމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ނިންމީ އިމިގްރޭޝަން ގާނޫނުގެ ދަށުން މިހާރު ދޫކުރަމުންދާ ކޯޕަރޭޓް ރެޒިޑެންސީ ވިސާ ފުޅާކޮށް، އިންވެސްޓާ ރެޒިޑެންސީ ވިސާ ޕްރޮގްރާމެއްގެ ގޮތުގައި ފަށާށެވެ.

ލަންޑަން ބޭސްވެފައިވާ ހެންލީ އެންޑް ޕާޓްނާސްއަކީ އިންވެސްޓްމަންޓް މައިގްރޭޝަން ދާއިރާގައި ޚިދުމަތްދޭ ކޮންސަލްޓަންސީ ފާމެކެވެ. ދުނިޔޭގެ 55 އަށްވުރެ ގިނަ ތަނެއްގައި އެ ކުންފުނީގެ އޮފީސްތައް ހުރެއެވެ. އާމްދަނީ ބޮޑު ފަރާތްތަކަށް ބޭރު ގައުމުތަކުގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ހޯދައިދީ، ރެޒިޑެންސީ ނުވަތަ ރައްޔިތެއްކަން ހޯދައިދިނުމަކީ އެ ކުންފުނީގެ މައިގަނޑު މަސައްކަތެވެ.

ދުނިޔޭގައި "ސިޓިޒެންޝިޕް ބައި އިންވެސްޓްމެންޓް" މޮޑެލްގައި ހިންގުނު ފުރަތަމަ ޕްރޮގްރާމް ތައްޔާރުކޮށް ހިންގީ ހެންލީ އެންޑް ޕާޓްނާސްއިންނެވެ. އެއީ ކެރީބިއަންގެ ސެއިންޓް ކިޓްސްގެ ސަރުކާރާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. އޭގެ އިތުރުން މޯލްޓާ، ސައިޕްރަސް، ތައިލޭންޑް، ނައުރޫ އަދި ނަމީބިއާ ފަދަ ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ވެސް މިފަދަ ޕްރޮގްރާމްތައް އެ ކުންފުނިން ހިންގާފައިވެއެވެ. މިހާތަނަށް އެކި ގައުމުތަކަށް 15 ބިލިއަން ޑޮލަރުގެ ބޭރު އިންވެސްޓްމަންޓް މި ޕްރޮގްރާމްތައް މެދުވެރިކޮށް ހޯދައިދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރެޒިޑެންސީ ވިސާ ދޫކުރުން އިމިގްރޭޝަން ގާނޫނުގައި ހިމެނުނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 25 ގައި އޭރުގެ އެމްޑީޕީ ސަރުކާރުން ގާނޫނަށް ގެނައި ބަދަލަކާ އެކުގައެވެ. ފުރަތަމަ މި ވިސާ ލިބެނީ ރާއްޖޭގައި 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށެވެ. ނަމަވެސް ފަހުން އެ އަދަދު 250,000 ޑޮލަރަށް ދަށްކުރެވުނެވެ. މީގެ އިތުރުން ރާއްޖޭގެ ބޭންކެއްގައި 250,000 ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓެއްގެ ގޮތުގައި ބަހައްޓާ ބިދޭސީންނަށް ވެސް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ލިބޭނެ ގޮތް ހަމަޖެހިފައިވެއެވެ.

ހެންލީ އެންޑް ޕާޓްނާސްއާ އެކު ސޮއިކުރި ޕްރޮގްރާމްގެ ދަށުން މިފަދަ ވިސާ ދޫކުރުމަށް ކަނޑައަޅާނެ އެންމެ ކުޑަ އިންވެސްޓްމަންޓް އަދަދެއް އަދި ސާފުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.