ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުތަކަށް މިހާތަނަށް ހޯދިފައިވާ އިންވެސްޓްމަންޓްގެ ޖުމްލަ އަދަދު 680 މިލިއަން އެމެރިކާ ޑޮލަރަށް އަރައިފިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ހުޅުވައިދެއްވަމުން މިނިސްޓަރު ސައީދު ވާހަކަދައްކަވަމުން ވިދާޅުވީ، "ސޯލާ ސިޓީ" ގެ ނަމުން ފަށައިގަތް އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއު ފެށުމުން އިންވެސްޓްމަންޓްގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހާއްސަ އިގްތިސާދީ ސަރަހައްދުތަކަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނެސްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. މިހާރު ހާސިލުކުރެވިފައިވާ 680 މިލިއަން ޑޮލަރަކީ ތާރީހީ ކުރިއެރުމެއްކަމަށާއި، އެއް ބިލިއަން ޑޮލަރުގެ ލަނޑުދަނޑިއަށް ވާސިލުވުމުގެ މަގުމަތީގައި ހުރިކަން ދައްކުވައިދޭ ނިޝާނެއްކަމަށް އޭނާ ބުންޏެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ގައުމީ އުފެއްދުންތެރިކަން 150 ބިލިއަން ރުފިޔާއަށް އިތުރުކޮށް، ބޮލަކަށް ޖެހޭ ޖީޑީޕީ 17،000 އެމެރިކާ ޑޮލަރަށް މަތިކުރުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށް މިނިސްޓަރު ސައީދު އިޝާރާތްކުރެއްވިއެވެ.
2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުމަށް ރައީސް މުއިއްޒު ނިންމަވާފައިވާކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން 20 އަހަރުގެ ތަރައްގީގެ ތަސައްވުރެއް އެކުލަވައިލާނެކަމަށް ސިންގަޕޫރުގައި ބޭއްވުނު ފޯރަމްގައި މިނިސްޓަރު ސައީދު ހާމަކުރެއްވިއެވެ.
ފާއިތުވި ފަންސާސް އަހަރުގެ ތެރޭގައި ސިންގަޕޫރުގެ ވިޔަފާރިވެރިން ދިވެހިރާއްޖޭގެ ތަރައްގީއަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ޝުކުރު އަދާކުރައްވައި، މިހާރު ހުޅުވިފައިވާ އާ ފުރުސަތުތަކުގައި އިންވެސްޓްކުރުމަށް ސިންގަޕޫރުގެ ވިޔަފާރިވެރިންނަށް މިނިސްޓަރު ސައީދު ދައުވަތު އެރުވިއެވެ.
ކޮމެންޓު ފޮނުވާ