ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.3 ޕަސެންޓުގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ކަމަށްވާ ޓެކްސް އާމްދަނީގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމުލަ އާމްދަނީގެ 77.4 ޕަސެންޓެވެ. ޚާއްޞަކޮށް ގްރީން ޓެކްސް އާއި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ބައިގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީވެސް ވަނީ މައްޗަށް ގޮސްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. ފަތުރުވެރިކަމުގެ ދާއިރާ ހަރަކާތްތެރިވުމުން ދައުލަތުގެ އެކި ޚިދުމަތްތަކުން ލިބޭ އާމްދަނީ އިތުރުވަމުން އަންނަ ކަން ފާހަގަކުރެވެ އެވެ.
މި އަހަރަށް ލަފާކުރާ ބަޖެޓާ އަޅާބަލާއިރު، އަންދާޒާކުރި ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 44.1 ޕަސެންޓް މިހާތަނަށް ލިބިފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ. އަދި މި އަހަރަށް ރޭވިފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން 32.9 ޕަސެންޓް މިހާތަނަށް ވަނީ ޚަރަދުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ