ގްރީން ޓެކްސް އާމްދަނީ 88 ޕަސެންޓް އިތުރުވެ 976 މިލިޔަނަށް އަރައިފި

ގްރީން ޓެކްސް އާމްދަނީ 88 ޕަސެންޓް އިތުރުވެ 976 މިލިޔަނަށް އަރައިފި

Author
ހުސައިން
28 ޖޫން 2025 01:23
0

ފާއިތުވި 21 ހަފްތާގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު 88 އިންސައްތަ އިތުރުވެ 976.4 މިލިޔަން ރުފިޔާއަށް އަރައިފިއެވެ. މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ލިބުނީ 518.0 މިލިޔަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މާލީ ވުޒާރާގެ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖަނަވަރީ 1 އިން ޖޫން 12 އަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ މި އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމުންނެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ފައިސާ ހޯދުމަށް 2016 ގެ އޮކްޓޯބަރުގައި ތަޢާރަފުކުރި ގްރީން ޓެކްސް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުންނެވެ. ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ދުވާލަކަށް 12 ޑޮލަރު ނަގާއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކުން ނަގަނީ 6 ޑޮލަރެވެ. ދެ އަހަރު ނުފުރޭ ކުޑަކުދިންނަށް މި ޓެކްސް ދައްކާކަށް ނުޖެހެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1,074,703 އެވެ. މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 985,348 ފަތުރުވެރިންނާ އަޅާބަލާއިރު މިއީ 9.1 އިންސައްތަ އިތުރު އަދަދެކެވެ. މިހާރު އެވްރެޖް ގޮތެއްގައި ދުވާލަކު 6000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ކަމުގައިވާ 690,580 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތައް ބޭނުންކޮށްފައިވަނީ 223,428 ފަތުރުވެރިން ކަމަށްވާއިރު، ހޮޓާތަކުގައި 28,099 ފަތުރުވެރިންނާއި ޓޫރިސްޓް އުޅަނދުތަކުގައި 23,577 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ރާއްޖޭގައި މިހާރު ފަތުރުވެރިކަމަށް ޚިދުމަތްދޭ 176 ރިސޯޓާއި 845 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީ އުޅަނދާއި 16 ހޮޓާ ހިންގަމުން ދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ގްރީން ޓެކްސް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން ކޮންމެ މަހަކު ބަޔާން ހުށަހަޅައި، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޓެކްސް ފައިސާ ދައްކަންޖެހެއެވެ.

ސަރުކާރުން މި އަހަރަށް ހުށަހަޅި ބަޖެޓުގައި 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިހާތަނަށް ލިބިފައިވާ ގްރީން ޓެކްސް އާމްދަނީ އިތުރުވަމުން ދިއުމަކީ ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅު ހާލަތެއްގައި ކުރިއަށް ދާކަމުގެ ހެއްކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.