މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސް ނެގިޔަސް ދިވެހި ދަރިވަރުންނަށް ބުރައަކަށް ނުވާނެ: ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސް ނެގިޔަސް ދިވެހި ދަރިވަރުންނަށް ބުރައަކަށް ނުވާނެ: ހައިދަރު

Author
ހުސައިން
28 ޖޫން 2025 01:13
0

މެލޭޝިއާ ސަރުކާރުން ޖުލައި 1 ގައި ތަޢާރަފުކުރަން ނިންމާފައިވާ ބޭރު ދަރިވަރުންގެ 6 ޕަސަންޓް ޓެކްސްގެ ސަބަބުން ދިވެހި ދަރިވަރުންނަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު ޔަގީންކަން ދެއްވައިފިއެވެ.

މެލޭޝިއާގެ ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ) ގަވާއިދަށް ގެނައި ބަދަލުގެ ދަށުން، އަހަރަކު 60،000 މެލޭޝިއާ ރިންގިޓަށްވުރެ މަތީ ފީއެއް ނަގާ ތަޢުލީމީ މުއައްސަސާތަކުން ހިދުމަތް ލިބިގަންނަ ބޭރު ދަރިވަރުންގެ ފީގައި 6 ޕަސަންޓުގެ ޓެކްސްއެއް ހިމަނަން ޖެހޭނެއެވެ.

މިނިސްޓަރ ހައިދަރު ފާހަގަކުރެއްވި ގޮތުގައި، މި ޓެކްސް ތަޢާރަފުކުރުމުގެ ކަންތައް އަދި ރަސްމީކޮށް އަންގާފައި ނުވިނަމަވެސް، މި ކަމުން ދިވެހި ދަރިވަރުންނަށް އެއްވެސް މާލީ ބުރައެއް ނުވާނެ ގޮތަށް ސަރުކާރުން ފިޔަވަޅު އަޅާނެއެވެ. މިގޮތުން ޓެކްސް އިސްތިސްނާ ކުރުމަށް ނުވަތަ ޓެކްސްގެ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، އެކަން ނުވެއްޖެނަމަ ސަރުކާރުގެ ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންގެ ޓެކްސް ފައިސާ ސަރުކާރުން ދައްކައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މެލޭޝިއާގައި ގިނަ ދިވެހި ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން ދާއިރު، މި އައު ޓެކްސްގެ ސަބަބުން ދަރިވަރުންގެ ޚަރަދު ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވިނަމަވެސް، މިނިސްޓަރު ހައިދަރު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މެލޭޝިއާގެ ކަމާބެހޭ އިދާރާތަކާ ރަސްމީ މަޝްވަރާތައް ބާއްވައި، ދިވެހި ދަރިވަރުންނަށް އެންމެ ފައިދާހުރި ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ޔަގީންކަން ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.