ޑޮލަރުގެ އަގު އުފުލެމުންދާ ދިއުމާ ގުޅޭގޮތުން އިމްރާންގެ ސުވާލެއް ސައީދަށް!

ޑޮލަރުގެ އަގު އުފުލެމުންދާ ދިއުމާ ގުޅޭގޮތުން އިމްރާންގެ ސުވާލެއް ސައީދަށް!

Author
ހުސައިން
28 ޖޫން 2025 08:49
0

ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ، އިގްތިސާދީ ވަޒީރު މުހައްމަދު ސައީދަށް ސުވާލުތަކެއް އަމާޒުކޮށްފިއެވެ. މިހާރު ބެންކޮކްގައި ދިރިއުޅެމުންދާ އިމްރާން، އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ސުވާލު އުފައްދަވާފައިވަނީ، ޑޮލަރުގެ އަގު ނުހިފެހެއްޓޭވަރަށް މައްޗަށް ގޮސް، މުދަލާއި ކާބޯތަކެތީގެ އަގުތައް ބޮޑުވަމުންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން އިގްތިސާދީ މިނިސްޓަރު އަޅުއްވާ ފިޔަވަޅުތަކުގެ ހަރުދަނާކަމުންތޯއެވެ.

އިމްރާން އިތުރަށް ސުވާލު އުފައްދަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅަށް އިގްތިސާދީ ވަޒީރު އަމަލު ނުކުރައްވާތީތޯ މި ހާލަތު މެދުވެރިވެފައިވަނީ ކަމަށެވެ. މި ސުވާލުތައް އުފެދުނީ، ރާއްޖޭގައި ޑޮލަރު ހޯދުން ދަތިވެ، ވިޔަފާރިވެރިންނަށް އިމްޕޯޓް ކުރާ މުދަލުގެ އަގު ދެއްކުމަށް ދަތިވަމުންދާ ވަގުތެއްގައެވެ.

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އިއްޔެ ވާހަކަދައްކަވާފައިވަނީ، ރާއްޖެއާއި ސްރީލަންކާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުންނެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށެވެ.

އިމްރާން ޢަބްދުﷲ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދިއުމާއެކު، އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދު ބޮޑުވަމުން ދާކަން ފާހަގަކުރެވެއެވެ. މިހާތަނަށް އިގްތިސާދީ ވަޒީރު، އިމްރާންގެ ސުވާލުތަކަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މީގެ އިތުރުން، އިމްރާން ވަނީ އެހެން ހައްސާސް މައްސަލަތަކާ ބެހޭގޮތުންވެސް ވާހަކަދައްކަވަން ފައްޓަވާފައެވެ. މިމަހުގެ 14 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވީ ކޮންމެވެސް ބަޔަކު ކުރި ކަމެއްގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމަކު އިމްރާން ދާޚިލީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު، އެ މައްސަލައިގެ ތެރެއަށް ވަދެ ތަޙުޤީޤެއް ކުރައްވާފައި ނުވާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ފާޑުކިޔުންތައް އިތުރުވަމުންދާއިރު، ސަރުކާރުން ވަނީ އިގްތިސާދު ރަނގަޅުކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންދާކަމަށް ބުނެފައެވެ. ނަމަވެސް ޑޮލަރުގެ މައްސަލަ ހައްލުވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް މައްސަލަ ބޮޑުވަމުންދާކަން ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ފާހަގަކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.