ރާއްޖެއާއި އޭއައިއައިބީގެ ގުޅުން ބަދަހިކުރުމަށް މާލީ ވަޒީރާއި ބޭންކުގެ ރައީސް މަޝްވަރާކުރައްވައިފި

ރާއްޖެއާއި އޭއައިއައިބީގެ ގުޅުން ބަދަހިކުރުމަށް މާލީ ވަޒީރާއި ބޭންކުގެ ރައީސް މަޝްވަރާކުރައްވައިފި

Author
ހުސައިން
27 ޖޫން 2025 09:28
0

ދިވެހިރާއްޖެއާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ކުރިމަގުގައި އެއްބާރުލުން ފުޅާކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މާލީ ވަޒީރު މޫސާ ޒަމީރު އޭއައިއައިބީގެ ރައީސް ޖިން ލިކުންއާ އެކު މަޝްވަރާކުރައްވައިފިއެވެ.

ޗައިނާގެ ބެއިޖިންގައި ބޭއްވޭ އޭއައިއައިބީގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ޖަލްސާގެ ތެރޭގައި އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އޭއައިއައިބީން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމާ ބެހޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރެވިފައިވެއެވެ.

މާލީ ވުޒާރާއިން ހާމަކުރި މައުލޫމާތުގައި، ދެ ފަރާތުންވެސް ގުޅުން ހަރުދަނާކޮށް އެއްބާރުލުން ފުޅާކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ބުނެފައިވެއެވެ. ވަޒީރު މޫސާ ޒަމީރު، އޭއައިއައިބީގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ މުހިންމު މަޝްރޫއުތަކާ ބެހޭ މައުލޫމާތު ރައީސް ޖިންއާ ހިއްސާކުރެއްވިއެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ކޮވިޑް-19 ގެ އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް އޭއައިއައިބީން ފޯރުކޮށްދިން އެހީތެރިކަމާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ހިންގާ ވޭސްޓް ޓު އެނާޖީ މަޝްރޫއަށް ލިބުނު މާލީ އެހީތެރިކަން ހިމެނެއެވެ.

ބައްދަލުވުމުގައި ވަޒީރު މޫސާ ޒަމީރު، ދިވެހި ސަރުކާރުން މިވަގުތު ގެންދަވާ އިގްތިސޯދީ އިސްލާހުތަކުގެ ތަފްސީލު ރައީސް ޖިންއަށް ދެއްވައި، މި އިސްލާހުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސޯދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ލިބޭނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކުރިމަގުގެ މާލީ ބޭނުންތަކާއި، ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުގައި އޭއައިއައިބީގެ އެއްބާރުލުން ހޯދުމާ ބެހޭގޮތުންވެސް ދެ ބޭފުޅުންގެ ދެމެދުގައި މަޝްވަރާކުރެވުނެވެ. ސަރުކާރުގެ ތަރައްގީގެ ވިސްނުންތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އޭއައިއައިބީގެ ފަންނީ އަދި މާލީ އެހީތެރިކަން ލިބުން މުހިންމުވާ ދާއިރާތައް ވަޒީރު ތަފްސީލުކޮށް ހުށަހެޅުއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.