ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި ސަރުކާރުން 4.3 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކުމަށް ހުޅުވާލައިފިއެވެ. މިއީ ފިނޭންސް މިނިސްޓްރީން އެކި މުއްދަތުތަކަށް ވިއްކުމަށް ހުށަހަޅާފައިވާ ޓީ-ބިލްތަކެކެވެ.
މި ފަހަރު ވިއްކަން ހުށަހަޅާފައިވާ ޓީ-ބިލްތަކުގެ ތަފްސީލަށް ބަލާލުމުން، 28 ދުވަހުގެ މުއްދަތަށް 580 މިލިއަން ރުފިޔާ އާއި 98 ދުވަހުގެ މުއްދަތަށް 300 މިލިއަން ރުފިޔާގެ ޓީ-ބިލް ހިމެނެއެވެ. އަދި 182 ދުވަހުގެ މުއްދަތަށް 1.04 ބިލިއަން ރުފިޔާ އާއި އެންމެ ދިގު މުއްދަތު ކަމުގައިވާ 364 ދުވަހުގެ މުއްދަތަށް 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލްވެސް ވިއްކަން ހުށަހަޅާފައިވެއެވެ.
މި ޓީ-ބިލްތަކުގެ އިންޓަރެސްޓް ރޭޓް ކަނޑައަޅާފައިވަނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ. މިއީ މުއްދަތާ ގުޅޭގޮތުން ތަފާތުވާ ރޭޓްތަކެކެވެ.
ސަރުކާރުން ދޫކުރާ މިފަދަ ޓީ-ބިލްތައް މައިގަނޑު ގޮތެއްގައި ގަތުމުގައި ޝައުޤުވެރިވަނީ ޕެންޝަން ފަންޑް، ދިވެހިރާއްޖޭގެ ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އިންވެސްޓްމަންޓްގެ ގޮތުން ޓީ-ބިލް ގަތުމުގައި ޝައުޤުވެރިކަން ދައްކައެވެ.
ޓްރެޜަރީ ބިލަކީ ސަރުކާރުން ދޫކުރާ ކުރު މުއްދަތުގެ ސެކިއުރިޓީއެކެވެ. މިއީ ދިވެހި ރުފިޔާއިން ޑިސްކައުންޓް އަގެއްގައި ވިއްކާ، މުއްދަތު ހަމަވުމުން މޫނުމަތީ އަގު އަދާކުރާ ގޮތަށް ސަރުކާރުން ނަގާ ދަރަންޏެކެވެ. މި ގޮތަށް ސަރުކާރުން ޓީ-ބިލް ވިއްކަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ކުރު މުއްދަތުގެ މާލީ ބޭނުންތައް ފުއްދުމަށެވެ.
ކޮމެންޓު ފޮނުވާ