ގދ. ތިނަދޫ، ގަދަ، އިސްމާއިލް އައްޒާން ފުލުހުންނާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ، އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. މި ދައުވާއަކީ 2024 ޖުލައި 2 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރުކޮށް 6 ދުވަހަށް ބަންދުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އޭނާ އެތެރެކުރި ވޭޕް ޝިޕްމަންޓެއް ފުލުހުން އަތުލައިގަތުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ކުރި ދައުވާއެކެވެ.
އައްޒާންގެ ދައުވާގައި ބުނެފައިވަނީ، ވިޔަފާރީގެ ސާމްޕަލްގެ ގޮތުގައި ރާއްޖެ އެތެރެކުރި 20 ވޭޕް ކާޓްރިޖް ފުލުހުން ހިފަހައްޓައިފައިވާ ކަމަށެވެ. މި ތަކެތީގެ އަގު 360 ރުފިޔާ، ޝިޕިން ކޮސްޓް 5،184 ރުފިޔާ، އަދި ފެޑެކްސް ޑިއުޓީ 1،051.02 ރުފިޔާ ކަމަށް އޭނާ ބުންޏެވެ. އޭނާގެ ޕްލޭން އޮތީ 10،000 ކާޓްރިޖް އޯޑަރުކޮށް 300،000 ރުފިޔާގެ ފައިދާއެއް ހޯދުމަށް ކަމަށާއި، ނަމަވެސް ފުލުހުން ގާނޫނާ ހިލާފަށް ބަންދުކުރުމުގެ ސަބަބުން މި ފުރުސަތު ގެއްލުނު ކަމަށް އޭނާ ބުންޏެވެ.
އައްޒާން ހިންގާ ފިހާރައަށް ދުވާލަކު 20،000 ރުފިޔާ ވަންނަ ކަމަށާއި، 6 ދުވަހު ބަންދުގައި ހުރުމުން 100،000 ރުފިޔާގެ ގެއްލުމެއް ވި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ވޭޕްތައް ނުގެނެވި 6 ދުވަސް ފާއިތުވުމުން މެލޭޝިއާއިން މުދާ އެތެރެކުރާ ޝިޕިން ރޭޓް 2،450 ޑޮލަރުން 4،500 ޑޮލަރަށް މައްޗަށް ގޮސްފައިވާތީ 400،000 ރުފިޔާގެ އިތުރު ގެއްލުމެއް ވި ކަމަށް އޭނާ ބުންޏެވެ.
ޖިނާއީ މައްސަލައިގެ ވަކީލު ފީ 33،000 ރުފިޔާ، ސިވިލް ކޯޓުގެ ވަކީލު ފީ 27،000 ރުފިޔާ، އަދި އާއިލާ މާލެ އައުމުގެ ޓިކެޓް ހަރަދު 9،000 ރުފިޔާ ހިމެނޭ ގޮތަށް، ޖުމްލަ 876،195 ރުފިޔާ ސީދާ ގެއްލުމުގެ ގޮތުގައި ނަގައިދިނުމަށް އޭނާ އެދުނެވެ. އަދި ގާނޫނާ ހިލާފަށް ހައްޔަރުކުރުމުގެ ބަދަލުގެ ގޮތުގައި އިތުރު 500،000 ރުފިޔާ ނަގައިދިނުމަށް ވެސް އެދުނެވެ.
ދައުލަތުގެ ފަރާތުން ފުލުހުން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން އެ 20 ކާޓްރިޖް ފުރަތަމަ ޓެސްޓުކުރުމުން ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށް މައުލޫމާތު ދިން ކަމަށެވެ. ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ދަށުން އައްޒާން ހުއްޓުވައި ސުވާލުކުރުމުން، އެއީ ވިޔަފާރިއަށް ގެނައި ތަކެތި ކަމަށް އޭނާ އެއްބަސްވެ، އޭނާ ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. ކޯޓަށް ހާޒިރުކުރުމުން 6 ދުވަހަށް ބަންދުކުރި އަމުރު އައްޒާން އިސްތިއުނާފު ނުކުރާ ކަމަށާއި، ފަހުން ފޮރެންސިކް ތަހުލީލުން މަސްތުވާތަކެތި ނުފެނުމުން އޭނާ ދޫކޮށް މައްސަލަ ފައިލްކުރި ކަމަށް ފުލުހުން ބުންޏެވެ.
މައްސަލަ ނިންމެވި ގާޒީ ހަސަން ފަހީމް އިބްރާހިމް ވިދާޅުވީ، ފުލުހުން އިޖުރާއަތާ އެއްގޮތަށް ތަހުގީގުކޮށް، ހެކި ނުލިބިގެން ފައިލްކުރާ ކޮންމެ މައްސަލައަކާ ގުޅިގެން ދައުވާކުރުމުގެ ދޮރު ހުޅުވިއްޖެނަމަ، ފުލުހުންނަށް ތަހުގީގު ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ގާނޫނާ ހިލާފަށް ބަންދުކުރި ކަމަށް ބުނެ މަދަނީ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނީ، އެކަން ކޯޓަކުން ކަނޑައަޅާފައިވާ ހާލަތުގައި އެކަނި ކަމަށާއި، މި މައްސަލައިގައި އައްޒާންއަކީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހެއް ކަމަށާއި، ގާނޫނާ ހިލާފަށް ބަންދުކުރި ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ، މައްސަލަ ކުރިއަށް ގެންދިޔުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް ގާޒީ ނިންމެވިއެވެ. އަދި ވަކީލު ފީގެ ގޮތުގައި އެދިފައިވާ 27،000 ރުފިޔާއަކީ ސީދާ ހަރަދުކުރި އަދަދުކަން ލިޔެކިޔުންތަކުން ސާބިތު ނުވާތީ، އެ ފައިސާ ވެސް ނަގައިނުދެވޭނެ ކަމަށް ގާޒީ ހުކުމް ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ